ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާއި ގުޅިގެން ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކޮށް ދިނުމަށް އެމްޑީޕީ އިން މާލިއްޔަތު ކޮމެޓީއަށް ހުށައެޅުމަށް އެދެފައިވާކަމުގައި އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މަޖިލިސް މެންބަރުންގެ މުސާރައިގެ 20 ޕަސެންޓު އުނިކޮށް ދިނުމަށް އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން މަޖިލިސް ރައީސް މެދުވެރިކޮށް މާލިއްޔަތު ކޮމެޓީއަށް ހުށައަޅައި ދިނުމަށް މިއަދު އެދެފައިވާނެކަމަށެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރަ ކުޑަކުރަން ހުށަހަޅާފައިވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިސްނަންގަވައިގެން އިއްޔެ ބޭއްވި ސާކްސް ސަރަހައްދުގެ ލީޑަރުންގެ ޓެލެ ކޮންފަރެންސް ގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ސަބަބުން ޓޫރިޒަމް އިނދަޖެހި ރާއްޖެއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީން 450 މިލިއަން ޑޮލަރު މަދުވާނެ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ދެމުން އަންނަ އެއްވެސް ހިދުމަތަކަށް ހުއްޓުމެއް އަޔަ ނުދޭން ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ކޮވިޑް-19ގެ ސަބަބުން މުޅި ދުނިޔޭގެ އިގުތިސޯދަށް ވަރަށް ބޮޑު ހީނަރުކަމެއް މިހާރުވެސް އައިސްފައިވާ ކަމަށާއި އަދި ރާއްޖޭގެ އިގްތިސޯދަށް ވެސް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ. އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފައެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފައެވެ. މިއަދާ ހަމައަށް އައި އިރު ރާއްޖެއަށް މީހުން އައުން މަޑުޖައްސާލާފައި ވަނީ ޗައިނާ، ބަންގްލަދޭޝް، އީރާން، އިޓަލީ، ސްޕޭންގެ އިތުރުން ސައުތް ކޮރެއާގެ ދެ ސަރަހައްދަކާއި، ޖަރުމަނުގެ ތިން ސަރަހައްދަކާއި، ފްރާންސްގެ ދެ ސަރަަހައްދަކުންނެވެ.
ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.