ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހުން ތިބި ސަފާރީގައި ބާކީ ތިބި މީހުން މާލެ ކައިރީ އައިސޮލޭޝަން ފެސިލިޓީއެއްގައި އައިސޮލޭޓް ކުރާނެ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މަބްރޫކް ވިދާޅުވީ ސަފާރީ ލާމު އަތޮޅާށް ކައިރިކޮށް ލާމު އަތޮޅުން ހެލްތްގެ ރެޕިޑް ރެސްޕޮންސް ޓީމަކުން ގޮސް، ޕޮޒިޓިވްވި ދެ ފަތުރުވެރިން ހެލްތްގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށެވެ. އަދި އެ ސަފާރީގައި ބާކީ ތިބި މީހުން ސަފާރީގައި މާލެއާ ދިމާލަށް ދަތުރުކޮށް، އެމީހުން މާލެ ކައިރީގައި ހުރި އައިސޮލޭޝަން ފެސިލިޓީއެއްގައި އައިސޮލޭޓް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އައިލެންޑް ސަފާރީ 1 ގައި ތިބީ 16 މުވައްޒަފުންނާއި 16 ފަތުރުވެރިންނާއި އެކު ޖުމްލަ 32 މީހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވް ދެ މީހަކު ފެނިފައިވާ އައިލެންޑް ސަފާރީ އެންމެފަހުން ބަނދަރުކޮށްފައި ވަނީ ފުވައްމުލަކަށެވެ.

ކޮވިޑް-19 އާ ގުޅީގެން ރާއްޖޭގެ އެކި ހިސާބުތަކުގައި ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިތީތަކެއް ވަނީ ގާއިމް ކޮސްފައެވެ. އަތޮޅުތެރޭގައި ކޮވިޑް-19 އާ ގުޅިގެން ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ގާއިމްކޮށްފައިވާ އިރު، ލ. އަތޮޅުގައި 28 ކަރަންޓީން ފެސިލިޓީއަކާއި 22 އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ.

މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ.