ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކޮންޓްރޯލްކޮށް އާއްމު ރައްޔިތުންގެ އާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސިނަމާތައްވެސް ވަގުތީ ގޮތުން ހުއްޓާލަން އެޗްޕީއޭއިން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ ހައިސިއްޔަތުން ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން ދެހަފްތާގެ މުއްދަތަކަށް ދިވެހިރާއްޖޭގައި ހިންގާ އެންމެހާ ސިނަމާތަކާއި ފިލްމް ތިއޭޓަރުތައް ހިންގުން ހުއްޓާލުމަށް އަންގާ ކަމަށެވެ. އަދި މިފިޔަވަޅުތައް ތަންފީޒުކޮށް ފިޔަވަޅުތަަކަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހާއި އިދާރަތަކާއި ފަރާތްތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފައިވާ އިރު، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް ވަނީ އަންގާފައެވެ. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު ނޫސް ނަޔާނެއްގައި ބުނީ ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވަން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ނިންމައިފައިވާއިރު ޓިއުޝަން ކްލާސްތައް މެދުކަނޑާލަންވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

މީގެ އިތުރުން ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ސިޓީ ހޮޓެލްތަކާއި ގެސްޓްހައުސްތަކަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ޓޫރިސްޓުން ޗެކިންކުރުން ހުއްޓާލަން އަންގާ، މިހާރު އެފަދަ ތަންތަނަށް ޗެކްއިން ވެފައި ތިބި މީހުން، އެމީހުންގެ ބުކްއިންގެ މުއްދަތަށް އެތަންތަނުގައި ތިބުމުގައި ހުރަހެއް ނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެއެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.