ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރާއްޖެ ލޮކްޑައުން ކުރުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް އައި އަރު ފިޔަވަޅު އަޅަންޖެހޭ ކަންކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ކޮވިޑް-19 ގެ ހާލަތަށް އަންނަ ބަދަލުތަކާ ގުޅިގެން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި މި ބައްޔަށް 13 މީހުން ޕޮޒިޓިވް ވެފައިވާ އިރު ރާއްޖޭގެ ހާލަތަށް ވިސްނާ އަވަހަށް ފިޔަވަޅު އަލާ މި ބަލި ކޮންޓްރޯލް ކުރުމަށް "ލޮކްޑައުން" ކުރުމަށް އެދި ރާއްޛޭގެ ފުންނާބު އުސް ޑޮކްޓަރުން ވަނީ ގޮވާލައްވާފައެވެ. މިފަދައިން ގޮވާލައްވާފައި ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިންވެސް ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލާއި ޑރ މުހައްމަދު އަލީ އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އަބްދުﷲ ނިޔާފެވެ.

ޑރ މުހްއްމަދު އަލީ (ވ) ޑރ ނިޔާފް (މ) ޑރ. ފައިސަލް (ކ)

މިހާރުވެސް އިޓަލީން މީހުން އައުން މަނާކުރެވުނުލެއް ލަސްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވެފައި ވަނީ، ބަލިމީހުން ގިނަވީމާ ފަރުވާދިނުމަށް އުނދަގޫވާނެ ކަމަށާއި، އަދި ބައްޔަށް ޓެސްޓުވެސް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެންމެން ބަންދުވުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވާފައި ވެއެވެ. މި ކަމާ ގުޅިގެން ޑރ. މުހައްމަދު އަލީ ވިދާޅުވެފައި ވަނީ އިގްތިސޯދު ދަށަށް ދިޔަ ނަމަވެސް މިވަގުތު ގޭގައި އެންމެން ތިބުމަށް ގޮވާލައްވައި، މިހާރު ގައުމު އެކީ ލޮކްޑައުންގެ ހާލަތަށް ގެނައުމަށެވެ.

ހަމައެފަދައިން ޑރ. ނިޔާފް ވިދާޅުވެފައި ވަނީ، ކޮވިޑް-19 އަށް ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ރައްޔިތެއްގެ ގައިން މިބަލި ފެނުމުގެ ކުރިން "ލޮކްޑައުން" ނުކޮށް މަޑުކޮށްގެން ތިބި ކަމަށާއި އަދި އެ ބަލި ގައުމުގެ ރައްޔިތެއްގެ ގައިން ފެނުމުން "ލޮކްޑައުން" ގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް މާލޭގެ މަގުމަތީގައި މީހަކު މާސްކް އަޅައިގެން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީ 24 ގަޑިއިރުގެ ތެރޭގައި 368 މީހުން މަރުވެ، މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 1809އަށް ވަނީ އަރާފައެވެ. މިއީ 25 ޕަސެންޓްގެ އިތުރުވުމެއް ކަމަށްވާއިރު، ސިއްހީ މާހިރުން ވަނީ އިޓަލީވި ލިބެމުންދާ 'އިންޒާރުގެ' ސިގުނަލްތަކަށް ސަމާލުވެ، އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ގައުމުތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާފައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްއިތަލީ ލޮކްޑައުން ހާލަތަށް މިހާރު ގެނެސް، އާންމު ދިރިއުޅުމުގެ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް ގެނައިތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.

މިހާތަނަށް އައި އިރު ރާއްޖޭގައި މި ބައްޔަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ދިވެއްސެއްގެ ގައިން މި ބަލި ފެނިފައި ނުވި ނަމަވެސް ދިވެހިންގެ ގައިން ބަލީގެ އަލާމާތް ފެނިގެން ދަނީ ޓެސްޓު ކުރަމުންނެވެ.