އުމުރުން ދުވަސްވީ މީހުން ތިބި ތަންތަން ދެނެގަންނަމުންދާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.

މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ރާއްޖޭގައި މިހާރު ތިބި 65 އަހަރުން މަތީގެ މީހުން ތިބި ތަންތަނާއި އެމީހުންގެ ސިއްހީ ހާލަތު ހޯދުމުގެ މަސައްކަތް ޓީމަކުން ކުރަމުންފާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކާ، ފާއިތުވީ ދުވަސްތަކުގައި ލިބެމުންދިޔަ މައުލޫމާތަށް ބަލާއިރު ކޮވިޑް-19 ޖެހިގެން މަރުވާ އުމުރުން ދުވަސްވީ މީހުންގެ އަދަދު ގިނަ ކަމެވެ. މިކަން ގުޅެނީ 2 ސަބަބަކާއެވެ. ފުރަތަމަ ކަމަކީ ދިފާއީ ނިޒާމު ބަލިކަށިވުމެވެ. އަނެއް ކަމަކީ، ބަލި ތަހައްމަލުކުރާނެ ގާބިލިއްޔަތުކަން މުސްކުޅި ހަށިގަނޑެއްގައި ނެތުމެވެ. އިންސާނާގެ ހަށިގަނޑުގައިވާ ދިފާއީ ނިޒާމަކީ އުމުރުން ދުވަސްވާވަރަކަށް ބަލިކަށިވަމުންދާ ނިޒާމެކެވެ.

ޕްރޮފެސާ ހަންޓާ ވިދާޅުވާ ގޮތުގައި އުމުރުން 20 އަހަރުގައި ހަށިގަނޑުން އުފައްދާ އެންޓިބޮޑީޒްއަށްވުރެ، އުމުރުން 70 އަހަރުގައި އުފައްދާ އެންޓިބޮޑީޒްގެ ބާރު ދެރައެވެ. ކޮވިޑް-19އައީ ބެހޭ ދިރާސާތައް އަދިވެސް ދަނީ ކުރިއަށެވެ. މިއިން ކޮންމެ ކަމަކީވެސް އާ ދިރާސާއަކާ އެކު ބަދަލުވެދާނެ ކަމެކެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.

ކޮވިޑް-19 ޖެހިގެން ހާލުބޮޑޮވެގެން އައިޖީއެމްއެޗްގެ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކުރީ 70 އަހަރުގެ އިޓަލީގެ ފިރިހެން ފަތުރުވެރިއެވެ.