ކޮވިޑް19 އާ ގުޅިގެން ސްކޫލުތައް ބަންދުކޮށްފައިވާ ހާލަތުގައި ޓިއުޝަން ކްލާސްތައް މެދުކަނޑާލަން އެޑިއުކޭޝަން މިނިސްޓްރީން އަންގައިފިއެވެ.

މިކަމާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލުމަށް ނިންމާފައިވަނީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނުނުގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހު ކުރުމަށްޓަކައި ކަމަށެވެ.

އެޗްޕީއޭން ބުނީ، ޓިއުޝަން ސެންޓަރުތަކާއި ގުރުއާން ކްލާސްތަކާއި އެހެނިހެން ތައުލީމުދޭ ކުލާސްތައް މެދުކަނޑާލުމަށް ނިންމާފައިވަނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، ރާއްޖޭގައި ކިޔައިވައިދޭ ސްކޫލަތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް ހަމަަޖައްސާފައިވާ ކަމަށް މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ކުރިން ސްކޫލްތައް ބަންދުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އޭރު ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައިވެސް އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައެވެ. އެހެންކަމުން ދެން ސްކޫލްތައް ހުޅުވޭނީ، މި މަހުގެ 29 ވާ އާދިއްތަ ދުވަހުގައެވެ. އެ ދުވަހަކީ ކޮލެޖްތަކާއި އިންސްޓިޓިއުޝަންތައް ހުޅުވުމަށްވެސް ހަމަޖައްސާފައިވާ ދުވަހެވެ.