ރާއްޖޭގެ ހުރިހާ ސްކޫލްތައް ހުޅުވަން އިތުރު ހަފްތާއަކަށް ފަސްކުރާ ގޮތަށް ނިންމައިފިއެވެ.
މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ، ރާއްޖޭގައި ކިޔައިވައިދޭ ސްކޫލަތައް އިތުރު އެއް ހަފްތާއަށް ބަންދުކުރުމަށް ހަމަަޖައްސާފައިވާ ކަމަށެވެ.
ކުރިން ސްކޫލްތައް ބަންދުކޮށްފައި ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ. އަދި އޭރު ސަރުކާރުން ވަނީ ކުރިއަށް އޮތްތަނުގައިވެސް އިތުރު ފިޔަވަޅު އަޅަން ޖެހިއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ބުނެފައެވެ. އެހެންކަމުން ދެން ސްކޫލްތައް ހުޅުވޭނީ، މި މަހުގެ 29 ވާ އާދިއްތަ ދުވަހުގައެވެ. އެ ދުވަހަކީ ކޮލެޖްތަކާއި އިންސްޓިޓިއުޝަންތައް ހުޅުވުމަށްވެސް ހަމަޖައްސާފައިވާ ދުވަހެވެ.
ރާއްޖޭގެ ސްކޫލްތައް ހުޅުވުން އިތުރު ހަފްތާއަށް ފަސްކޮށްފައިވާ އިރު މި ހާލަތުގައި ޓިއުޝަން ކްލާސްތަކާއި ވަކި މާއްދާ ކިޔަވައިދޭ ކްލާސްތަކާއި ގުރުއާން ކްލާސްތައް މެދުކަނޑާލަން ވެސް މިއަދު ވަނީ އަންގާފައެވެ.
ދެ ހަފްތާއަށް ސްކޫލުތަކާއި ޔުނިވާސިޓީ އަދި ކޮލެޖުތައް ބަންދުކޮށްފައިވާއިރު އެ ފަރާތްތަކުން ދަނީ އޮންލައިންކޮށް ކްލާސްތައް ނަގައިދޭނެ ގޮތްތަކެއް ކަނޑައަޅައި ތަންފީޒުކުރަމުންނެވެ. އެގޮތުން ގްރޭޑް އެކަކުން ފެށިގެން ގްރޭޑް 12 އާ ހަމައަށް ކިޔަވާ ދަރިވަރުންނަށް ޔޫޓިއުބް އަދި ޔެސް ޓީވީ ފަދަ ހިދުމަތްތައް މެދުވެރިކޮށް އަދި ވައިބާ މެދުވެރިކޮށް ފިލާވަޅުތައް ނަގައިދޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުންޏެވެ. ހަމައެއާއެކު ޔުނިވާސިޓީތަކުގައި އޮންލައިންކޮށް ކިޔަވައިދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ދަނީ ދަނީ މަސައްކަތް ކުރަމުންނެވެ.
ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނު ނަންބަރު 7/2012 ގެ ދަށުން އަޅަންޖެހޭ ހާއްސަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމަށްޓަކައި، މި މަހުގެ 12 ވަނަ ދުވަހުގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އިއުލާންކޮށްފައެވެ.