ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް އަށް ދީހާ އިން އައި ދިވެހި މީހާ ނެގެޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އިއްޔެ ރާއްޖެއައި ގަތަރު އެއާވޭސް ފްލައިޓުން ދަތުރުކުރި ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވަނީ ކޮވިޑަށް "ނެގެޓިވް" ވެފައި ކަމަށެވެ.
ސްޕެއިންއަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެއައި މި ދިވެހި މީހާގެ ގައިން ކޯވިޑް19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމާއި ގުޅިގެން ޓެސްޓްތައް ހަދައި މޮނިޓާ ކުރުމަށް އިއްޔެ އޭނާ ވަނީ ފަރުކޮޅުފުއްޓަށް ގެންގޮސް އެކަހެރި ކުރެވިފައި ކަމަށް އެޗްޕިޢޭއިން ބުނެއެވެ.
ހަމައެއާއެކު، އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން "ޕޮޒިޓިވް" ވި ބިދޭސީ މީހާގެ "ކްލޯސް ކޮންޓެކްޓް" އެއްގެ ގޮތުގައި ފާހަގަކުރެވިގެން، ޓެސްޓްތައް ހަދައި މޮނިޓާ ކުރުމަށް އެކަހެރި ކޮށްފައިވާ ދިވެހި މީހާގެ ޓެސްޓުގެ ނަތީޖާ ވެސް ވަނީ ކޮވިޑް-19 އަށް "ނެގެޓިވް" ވެފައެވެ. އޭނާ ފަރަުކޮޅު ފުއްޓާށް ގެންދިޔައީ ހުޅުމާލޭގައި ހުއްޓައެވެ.
މީގެ ކުރިން އަނަންތަރާ ދިގުރަށަށް ޗުއްޓީ ހޭދަކުރަން އައި ދެމަފިރިންގެ ގައިން ވަނީ މި ބަލީގެ އަލާމަތްފެނި މި ބައްޔަށް ޕޮޒިޓިވްވެފައެވެ. ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިން ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.
މިހާތަނަށް ކޮވިޑް-19އަށް 13 މީހަކު ރާއްޖެއިން ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް 8 ގެސްޓަކު ޕޮޒިޓިވް ވެފައިވާ އިރު އެމީހުން ރާއްޖެއަށް އައި އިރުވެސް އެ ވައިރަސް ހަށިގަނޑުގައި ހުރިކަމަށް ބެލެވޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. ދެން ޕޮޒިޓިވްވި 5 މީހުންނަކީ ކުރެއްދޫއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ މީހާގެ ގައިން މި ބަލި ޖެހިފައި ތިބި މީހުންނެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ 6 ފިިރިހެނުންނާއި 7 އަންހެނުންނެވެ.
ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވްވެފައި ވަނީ އިޓަލީގެ 9 ފަތުރުވެރިއަކާއި، ތުރުކީގެ ފަތުރުވެރިއަކާއި، ސައުތް އެފްރިކާގެ ފަތުރުވެރިއެއްގެ އިތުރުން ޖަރުމަނުގެ ފަތުރުވެރިއަކާއި އިންގްލޭންޑް ފަތުރުވެރިއެކެވެ.