ޑިސްއިންފެކްޓް ކުރުމަށްފަހު މާގިރި ހޮޓެލް އަލުން ހުޅުވައިފިއެވެ.

މާގިރި ހޮޓެލް ޑިސްއިންފެކްޓް ކުރުމަސް ބަންދުކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހެވެ. އެ ހޮޓެލް ބަންދުކުރީ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަތުރުވެރިޔަކު އެ ހޮޓެލްގައި މަޑުކޮށްފައިވާތީއެވެ.

މާގިރި ހޮޓަލް ވަގުތީގޮތުން ބަންދުކުރަމުން އެ ހޮޓެލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ހޮޓަލުގެ އޮޕަރޭޝަންތައް ވަގުތީގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށާއި އެއީ ހޮޓަލުގެ މުވައްޒަފުންނާއި ގެސްޓުންނާއި ކަސްޓަމަރުންގެ ސަލާމަތަށްޓަކައި އަޅާ ފިޔަވަޅެއް ކަމަށެވެ. އަދި ކޮވިޑް19 ގެ "އިންކިއުބޭޝަން ޕީރިއަޑް" އަށްފަހު މުޅި ހޮޓަލުގެ ހުރިހާތަނެއް ޑިސްއިންފެކްޓު ކުރުމަށް ފަހު މި މަހުގެ 16 ވާ ހޯމަދުވަހު ހޮޓެލްގެ ހުރިހާ އޮޕަރޭޝަންތައް އަލުން ފަށާނެ ކަމަށް ވެސް އެ ހޮޓަލުން ވަނީ ބުނެފައިވެއެވެ.

މީގެ އިތުރުން މާގިރި ހޮޓަލުން ވަނީ އެތަން ވަގުތީގޮތުން ބަންދުކުރުމުގެ ސަބަބުން ގެސްޓުންނާއި ކަސްޓަމަރުންނަށް ދިމާވެދާނެ އެންމެހައި ދަތިތަކަށް އޭރު ނެރުނު ނޫސްބަޔާނުގައި މައާފަށް އެދިފައެވެ.

މާގިރި ހޮޓެލުގައި ހުރި ފަތުރުވެރިޔާއަކީ، ކުރެއްދޫ އައިލެންޑު ރިސޯޓުގައި ހުރުމަށްފަހު ފުރައިގެން ދިޔަ އިޓަލީ ފަތުރުވެރިޔާއެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އެނގައިފައި ވަނީ އޭނާ އަނބުރާ އޭނާގެ ގައުމަށްދިޔަ ފަހުން ކަމަށްވާއިރު، ކުރެއްދޫގައި ތިބި 5 މީހަކު މިހާރު ވަނީ ކޮވިޑް-19 ޕޮޒިޓިވް ވެފައެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެ ފަތުރުވެރިޔާ ރާއްޖެއިން ފުރަން އެއާޕޯޓަށް ގޮސް ނުފުރިގެން ވަނީ މާލެ އައިސް، މާޗު އެއް ވަނަ ދުވަހާއި ދެވަނަ ދުވަހު އޭނާ ވަނީ މާގިރި ހޮޓެލްގައި މަދުކޮށްފައި ކަމަށެވެ.

މިކަމާ ގުޅިގެން މާގިރި ހޮޓަލުގެ 15 މުވައްޒަފަކު ވަނީ ކޮވިޑް-19 އަށް ޓެސްޓު ކުރުމަށްފަހު، ސެލްފް އައިސޮލޭޝަންގައި ގޭގައި ތިބުމަށް އެޗްޕީއޭން ވަނީ އަންގާފައެވެ.