ޝެރަޓަން އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ނެގި 2 ސާމްޕަލް ނެގެޓިވް ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭން ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ޝެރަޓަން އައިލަންޑް ރިސޯޓުން ނެގި 2 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތުން ނަގާފައި ކަމަށެވެ. މިހާރު އެރަށް އަރާ ފޭބޭނެއެވެ.

އެޗްޕީއޭން މިހެން ބުނެފައިވާއިރު، މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގި 12 ސާމްޕަލްގެ ނަތީޖާ ވެސް ވަނީ ނެގެޓިވްވެފައެވެ. އެޗްޕީއޭން ބުނީ، ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން މީރު އައިލަންޑް ރިސޯޓުން ނެގި 12 ޓެސްޓުގެ ނަތީޖާ ނެގެޓިވް ވެފައިވާތީ އެ ރަށް މޮނިޓަރިންގްގެ ހާލަތުން ވަނީ ނެގިފައިވާ ކަމަށެވެ. 12 ސާމްޕަލް އެރަށުން ނަގާފައިވާކަމަށް އެޗްޕީއޭ އިން ބުނެފައި ވީ ނަމަވެސް އެރަށުން މި ބައްޔަށް ޓެސްޓުކޮށްފައިވަނީ ކިތައް މީހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

މިހާތަނަށް ރާއްޖޭގައި މިބައްޔަށް ޖުމްލަ 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައި ވަނީ ހުސް ބިދޭސީންނެވެ. ކުރެއްދޫންއިން ޕޮޒިޓީވްވި 5 ފަރާތަކީ އެ ރިސޯޓަށް ޗުއްތީ ހޭދަކުރަން ދިޔަ އިޓަލީ މީހާގެ ގައިން މި ވައިރަސް ޖެހިފައިވާ މީހުންނެވެ. ބާކީ ތިބި 8 ބިދޭސީންނަކީ ރާއްޖެއަށް އައި ފަތުރުވެރިންނެވެ. އަދި އެމީހުން ރާއްޖެއަށް އައި އިރުވެސް ވަނީ މި ވައިރަސް ޖެހިފައެވެ.

މިހާތަނަށް ކުރެއްދޫން އިން 5 ބިދޭސީއަކާއި ކުރަމަތިން 2 ބިދޭސީއަކާއި، ސޭންޑީސް ބަތަލާއިން 2 ބިދޭސީއަކާއި، އަނަންތާރާއިން 2 ބިދޭސީއެއްގެ އިތުރުން އައިލެންޑް ސަފާރާިން 2 ބިދޭސީންނަކީ މި ބައްޔަށް ޕޮޒިޓިވް ވި ފަރާތްތަކެވެ. ރާއްޖެއިން އެނެމެ ފުރަތަމަ މި ބަލި ފެނިފައިވަނީ ކުރެއްދޫންނެވެ.