ރާއްޖެ ލޮކްޑައުން ކުރުމަށް ގޮވާލައި މިވަގުތު އެންމެން ފަރުދީ ޒިންމާ ނަގާ ގޭބަންދުގައި ތިބުމަށް ރާއްޖޭގެ ފުންނާބު އުސް ޑޮކްޓަރުން ގޮވާލައްވައިފިއެވެ.

މިފަދައިން ގޮވާލައްވާފައި ވަނީ ކޮވިޑް-19 އާ ގުޅޭ ގޮތުން ކުރިންވެސް ރައްޔިތުން ހޭލުންތެރިކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ. އަހުމަދު ފައިސަލާއި ޑރ މުހައްމަދު އަލީ އާއި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު ޑރ އަބްދުﷲ ނިޔާފެވެ.

މި ބަލީގެ ޕޮޒިޓިވް ކޭސްތައް އިތުރުވަމުންދާ ނަމަ ވެދާނެ ގޮތްތަކަށް އަލިއަޅުއްވާލައްވަމުން ފައިސަލް ވިދާޅުވީ، ބަލިވާމީހުން ގިނަވީމާ އެނދު ހޯދަން ގުރުއަތުލާން ޖެހިދާނެ ކަމަށެވެ. އެހެންކަމުން އަމިއްލަ ގޯހަކުން ދަސްކޮށް ރަނގަޅު ކުރުމަށް ވުރެ، އެހެންމީހުން ހަދާ ގޯހުން ފިލާވަޅު ދަސްކޮށް ރަނގަޅު ފިޔަވަޅު އެޅުން ބުއްދިވެރި ކަމަށް ފައިސަލް ވިދާޅުވިއެވެ.

މިހާރުވެސް އިޓަލީން މީހުން އައުން މަނާކުރެވުނުލެއް ލަސްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، ބަލިމީހުން ގިނަވީމާ ފަރުވާދިނުމަށް އުނދަގޫވާނެ ކަމަށާއި، އަދި ބައްޔަށް ޓެސްޓުވެސް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެންމެން ބަންދުވުމަކީ ބުއްދިވެރިކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ހަމަ އެއާއެކު ފައިސަލް ވިދާޅުވީ، ކޮވިޑުގައި ބަލިމީހާ އަވަހަށް ދޫކޮށްލެން ނޯންނަ ކަމަށެވެ. އާދައިގެ ވަރަކަށް ބަލިވާމީހާ ވެސް ރަނގަޅުވާން 14 ދުވަސް ނަގާ ކަމަށާއި ބޮޑަށް ބަލިވާމީހާ ރަނގަޅުވާން މަހެއް ނުވަތަ ދޮޅުމަސް ދުވަސް ނަގާކަމަށެވެ.

މީގެ އިތުރުން، އޭޑީކޭގެ ޗީފް މެޑިކަލް އޮފިސާ ޑރ. އަބްދުﷲ ނިޔާފް ވިދާޅުވީ، ކޮވިޑް-19 އަށް ކޮންމެ ގައުމަކުންވެސް އެ ގައުމެއްގެ ރައްޔިތެއްގެ ގައިން މިބަލި ފެނުމުގެ ކުރިން "ލޮކްޑައުން" ނުކޮށް މަޑުކޮށްގެން ތިބި ކަމަށާއި އަދި އެ ބަލި ގައުމުގެ ރައްޔިތެއްގެ ގައިން ފެނުމުން "ލޮކްޑައުން" ގެ ހާލަތަށް ގެންގޮސްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިވުމަށް މާލޭގެ މަގުމަތީގައި ވެމްކޯ މުވައްޒަފެއް މާސްކް އަޅައިގެން / ފޮޓޯ: ހަސަން އަތޫފް | ދަ ޕްރެސް

ނަމަވެސް "ލޮކްޑައުން" ކުރުމަށް އެޅި ފިޔަވަޅު ހަފްތާއެއްހާ ދުވަސް ކުރިން އެޅުނު ނަމަ އޭ ހިތަށް އަރާނެ ކަމަށް ނިޔާފް ވިދާޅުވިއެވެ. މި ގޯސް ތަކުރާރުވެއްޖެ ނަމަ ދުވަސްތަކަކަށް ފަހު އަނެއްކާވެސް އިތުރު ގައުމެއް މި ބަލި "އެންމެ ގިނައިން" ފަތުރޭ ގައުމުގެ ލިސްޓަށް އިތުރުވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ޑރ. މުހައްމަދު އަލީ ވިދާޅުވީ، އިގްތިސޯދު ދަށަށް ދިޔަ ނަމަވެސް މިވަގުތު ގޭގައި އެންމެން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ގައުމު އެކީ ލޮކްޑައުންގެ ހާލަތަށް ގެނައުމަށްވެސް އެނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާ އިޓަލީ 24 ގަޑިއިރުގެ ތެރޭގައި 368 މީހުން މަރުވެ، މި ބަލީގައި އެގައުމުން މަރުވި މީހުންގެ ޖުމުލަ އަދަދު 1809އަށް ވަނީ އަރާފައެވެ. މިއީ 25 ޕަސެންޓްގެ އިތުރުވުމެއް ކަމަށްވާއިރު، ސިއްހީ މާހިރުން ވަނީ އިޓަލީވި ލިބެމުންދާ 'އިންޒާރުގެ' ސިގުނަލްތަކަށް ސަމާލުވެ، އެފަދަ ހާލަތެއް މެދުވެރިވެދާނެ ކަމަށްޓަކައި ގައުމުތަކުން މިހާރުން މިހާރަށް ފިޔަވަޅުތައް ހަރުދަނާ ކުރުމަށް ގޮވާލާފައެވެ. ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްއިތަލީ ލޮކްޑައުން ހާލަތަށް މިހާރު ގެނެސް، އާންމު ދިރިއުޅުމުގެ ހަރަކާތްތައް މުޅިންހެން ހުއްޓުމަކަށް ގެނައިތާ ހަފުތާއެއްހާ ދުވަސް ވެއްޖެއެވެ.

މިހާތަނަށް އައި އިރު ރާއްޖޭގައި މި ބައްޔަށް 13 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ދިވެއްސެއްގެ ގައިން މި ބަލި ފެނިފައި ނުވި ނަމަވެސް ދިވެހިންގެ ގައިން ބަލީގެ އަލާމާތް ފެނިގެން ދަނީ ޓެސްޓު ކުރަމުންނެވެ.