އައިލެންޑް އޭވިއޭޝަން ސާވިސަސްއިން ރައްޔިތުންނަށް ހިދުމަތްދޭ ގަޑިތަކަށް ބަދަލު ގެނެސްފިއެވެ.
އެ ކުންފުންިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ ރޯގާ، ކޮވިޑް-19 އާ ގުޅިގެން ހިދުމަތްދޭ ގަޑިތަކަށް ބަދަލުރަކެއް ގެނެސްފައިވާ ކަމަށާއި މުވައްޒަފުން މަސައްކަތް ކުރާ ގަޑިތަކަށްވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެ ގޮތުން ޓިކެޓް އޮފީސް ހުޅުވިފައި ހުންނާނީ ކޮންމެ ހަފްތާއެއްގެ އާދިއްތައިން ބުރާސްފައްޗާ ދެމެދު ހެނދުނު 8:30 އިން މެންދުރު 3:30 އަށް ކަމަށާއި ހުކުރާއި ހޮނިހިރު ދުވަސް ބަންދުވާނެއެވެ.
ނަމަވެސް އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރު ނުވަތަ ވައިބާ ޕްލެޓްފޯމްތަކުގައި ހަފްތާގެ ހުރިހާ ދުވަހެއްގައި ހިދުމަތް ދޭނެކމަށް އެފަރާތުން ބުނެއެވެ. އެގޮތުން ހޮނިހިރުން ބުރާސްފައްޗަށް ހެނދު 8:00 އިން އިރުއޮއްސި 6:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 އިން ރޭގަނޑު 8:00 އަށް ހިދުމަތް ފޯރުކޮށްދޭނެއެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީކޮވިޑް-19އާ ގުޅިގެން އެ ކުންފުނީގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށްޓަކައި މިއަދުން ފެށީގެން މުވައްޒަފުން ގްރޫޕްތަކަކަށް ބަހާލެވިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކޮންމެ ގްރޫޕަކުންވެސް މަސައްކަތަށް ނުކުންނާނީ ހަފްތާއަކު ތިންދުވަހު ކަމަށާއި އަދި އަނެއް ދެ ދުވަހު މުވައްޒަފުން ތިބޭނީ "ސްޓޭންޑް ބައި" ޑިއުޓީގައި ކަމަށް އައިލެންޑްއޭވިއޭޝަނުން ބުނެއެވެ. މި ބަދަލާ އެކު އެއްވެސް މުވައްޒަފެއްގެ މުސާރައާއި އިނާޔަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް އެ ފަރާތުން ބުނެއެވެ.
ގްރޫޕްތަަކަށް ބަހާލީމައި އެއްވެސް ގްރޫޕެއް އަނެއް ގްރޫޕަކާއި ޑައިރެކްޓް ކޮންޓެކްޓް ނުވާނެ ކަމަށާއި އެ ކުންފުނީގައި މީޓިންތައް ބާއްވަނީ ފޯން ކޮންފަރެންސް ނުވަތަ ވިޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ. ހަމައެއާއެކު މިހާރުވެސް ބައެއް މުވައްޒަފުން މަސައްކަތް ކުރަމުންދަނީ ގެއިން ކަމަށްވެސް އެފަރާތުން ބުނެއެވެ.
އަދި އައިލެންޑް އޭވިއޭޝާނުން ދޭ ހިދުމަތް ހުއްޓާނުލައި ގައުމީ ހުދުމަތުގައި "މޯލްޑިވިއަން" ދެމިއޮންނާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް އެފަރާތުން ބުނެއެވެ.
ކޮވިޑް-19 އަށް ރާއްޖޭގައި މިހާރު ވަނީ ޖުމްލަ 13 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މިހާރުވެސް މި ބައްޔަށް ޝައްކު ކުރެވޭ އިތުރު ފަރާތްތަކެއްގެ ޓެސްޓު ހެދުމާއި ކޮންތެކްޓް ޓްރޭސިންގް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ބަލި ފެނިފައިވާ 8 ބިދޭސީންނަނަކީ ރާއްޖެއަށް އައި ފަތުރުވެރިންނެވެ. އަނެއް 5 ބިދޭސީންނަކީ ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އައި އިޓަލީ ފަތުރުވެރިޔާގެ ގައިން މިބަލީގެ ވައިރަސް ޖެހިފައިވާ ކުރެއްދޫގެ މުވައްޒަފުންނެވެ.
މިހާތަނަށް އައި އިރު ރާއްޖޭގައި މި ބަލި ފެނިފައިވަނީ ފަތުރުވެރިންގެ ގައިންނާއި ފަތުރުވެރިންގެ ގައިން ޖެހިފައިވާ މީހުންނަށް ކަމަށްވާތީ، އެއާލައިންތަކުގަ އާއި އެއާޕޯޓުގެ އިތުރުން ފަތުރުވެރިކަމުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބީ ހާސްކަމެއްގެ ތެރޭގައެވެ. އެހެންކަމުން މިފަދަ މަސައްކަތްތަކުގައި އުޅޭ މީހުންގެ ރައްކާތެރިކަމަށް ބޭނުންވާނެ ސާމާޏު ފަހިކޮށްދެވިފައި ވާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.