ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައި ވާއިރު، ރަށްރަށަށް އަރާފޭބުން މަނާ ކުރުމުގެ ބާރު ކައުންސިލްތަކަށް ލިބިގެން ނުވާކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބުނެފިއެވެ.

އެލްޖީއޭ އިން ބުނީ ކޮވިޑް-19ގެ ސަބަބުން ރަށްރަަށް މީހުން އަރާ ފޭބުން ކައުންސިލްތަކުން މަނާކުރަމުން ދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އަންގާ ކަމަށެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ނިންމުންތައް ނިންމުމަށް ގާނޫނީ ގޮތުން ބާރުލިބިދީފައި ވާ ފަރާތުން، އެއްވެސް ރަށަކަށް މީހުން އަރައި ފޭބުން މަނާކުރުން ފަދަ އެއްވެސް ނިންމުމެއް ނުނިންމާހާ ހިނދަކު، ކައުންސިލްތަކުން އަމިއްލައަށް އެފަދަ ނިންމުންތައް ނުނިންމުމަށް އެދޭ ކަމަށްވެސް އެ އޮތޯރިޓީން ބުނެއެވެ.

ރާއްޖެއިން ފުރައިގެން ދިއުމާއި ރާއްޖެ އެނބުރި އައުމާއި ރާއްޖޭގައި ހުރުމާއި ތަންތަނަށް ދަތުރުފަތުރުކޮށް އުޅުމުގެ މިނިވަން ކަމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެކެވެ. އެ ހައްގު ނުވަތަ މިނިވަން ކަމުގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ ރާއްޖޭގެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހުން ފާސްކުރުމުންނެވެ.

އެއްގަމު މަގުންނާއި ކަނޑުމަގުން ނުވަތަ ވައިގެ މަގުން ދަތުތުކުރުން ހުއްޓުވާ ފިޔަވަޅު އެޅުން އެއީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ މައްސޫލިއަތެއް ކަމަށް އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގައި ބުނެއެވެ.

ފެތުރެމުންދާ ކޮވިޑް-19ގައި ޖުމްލަ 13 މީހުން މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައި ވާއިރު އަނަންތަރާ ދިގުރަށުން ވަނީ 2 ފަތުރުވެރިއަކާއި ކުރެއްދޫ އައިލެންޑް ރިސޯޓުން 5 ބިދޭސީއަކާއި ކުރަމަތި އައިލެންޑް ރިސޯޓުން 2 ބިދޭސީއަކާއި ސޭންޑީސް ބަތަލާ ރިސޯޓުން 2 ބިދޭސީއެއްގެ އިތުރުން އައިލެންޑް ސަފާރީން 2 ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް މި ބައްޔަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.