އައިސޮލޭޝަނަށް ބޭނުން ކުރެވޭނެ 80 ކޮޓަރި، ވެލިދޫ ރިސޯޓުގައި ނިމިފައިވާ ކަމަށް ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވެއްޖެއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން މަބްރޫކް ވިދާޅުވީ ވެލިދޫ ރިސޯޓު ކަރަންޓީން ފެސިލިޓީއަކަށް ބަދަލުކުމަށް ކުރާ މަސައްކަތުގެ ތެރެއިން މިހާރު 80 ކޮޓަރި ނިމިފައިވާ ކަމަށާއި ކަރަންޓީން ފެސިލީޓީއެއްގެ ގޮތުގައި ބޭނުން ކުރަމުން އަންނަ ވިލިވަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މާދަމާ ފެށޭނެ ކަމަށެވެ.
ތިން ވަނަ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ވެލިދޫ ހަމަހެއްސި އިރު، އެ ރަށަކީ މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ޓޫރިސްޓު ރިސޯޓެއް ހިންގަމުން އައި ރަށެކެވެ.
އެ ރިސޯޓު ދިވެހި ސަރުކާރަށް ލިބިފައިވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި މިހާރު ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓީމުތައް އެތަން ތައްޔާރު ކުރުމަށް މަސައްކަތް ކުރަމުން ދާ ކަމަށް ރޭ ވަނީ ވިދާޅުވެފައެވެ. އއ.ވެލިދޫގައި ހިންގަމުން ދިޔަ ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެއް ކަމަށާއި 80 ބީޗު ބަންގަލޯއާއި 20 މޫދުކޮޓަރި ހުރި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ވިލިވަރުގައި 110 ކޮޓަރީގެ ކަރަންޓީން ފެސިލިޓީގެ އިމާރާތެއް ފޭސް 2 ގެ ގޮތުގައި އަޅަން ކަނޑައަޅާފައިވާ ކަންވެސް އަލީ ވަހީދު ރޭ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ ޖުމްލަ 13 ޕޮޒިޓިވް ކޭސް:
- ކުރެއްދޫ އައިލެންޑް ރިސޯޓް: 5
- ކުރަމަތި އަިލެންޑް ރިސޯޓް: 2
- ސޭންޑީސް ބަތަލާ ރިސޯޓް: 2
- އަނަންތަރާ ދިގުރަށް: 2
- އައިލެންޑް ސަފާރީ: 2
ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 3 ޕޮޒިޓިވް ކޭސް ވަނީ ފެނިފައެވެ. އެއީ އަނަންތަރާއިން 1 ބިދޭސީއަކާއި އައިލެންޑް ސަފާރީގައި ތިބި ދެ ބިދޭސީންނެވެ. މި ބައްޔަށް ޝައްކު ކުރެވިގެން ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ވަނީ ރާއްޖެއިން ބޭރުން އައި ދެމީހުންނާ އެކު ރިސޯޓުތަކުން 4 މީހެއްގެ ސާމްޕަލް ނަގާފައެވެ. ޖުމްލަ 6 މީހެއްގެ ސާމްޕަލް ވަނީ ނަގާފައެވެ.
މި ބައްޔަށް ޕޮސިޓިވް ވެފައިވާ މީހުން އިތުރަވަމުން ދާ އިރު މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ސަރުކާރުން އަންނީ އެކި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ބަލި ޖެހިފައިވާ މީހުން ނުވަތަ މި ބައްޔަށް ޝައްކު ކުރެވޭ ފަރާތްތައް އެކަހެރި ކުރުމަށް ހަދަމުންދާ މަރުކަޒުތައް ވަނީ އިތުރު ކޮށްފައެވެ. މިހާރު ބޭނުން ކުރަމުންދާ މަރުކަޒުތަކުގެ އިތުރުން ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޖުމްލަ 358 ކަރަންޓީން ފެސިލީޓީ އާއި 283 އައިސޮލޭޝަން ފެސިލީޓީ ވަނީ ހަމަޖައްސާ ފައެވެ.