ސްޕެއިންއިން ރާއްޖެއަށް އައި ދިވެއްސެއް ފަރުކޮޅުފުއްޓަށް ގެންގޮސްފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ސްޕެއިން އިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރި ކަމަށެވެ. މިހާރު އޭނާ ފަރުކޮޅުފުއްޓަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އަދި އޭނާ ރައްޖެއަށް އައިސްފައި ވަނީ ކޮން ފްލައިޓަކުން ކަމާއި އެ ފްލައިޓް ޖެއްސީ ކޮން އެއާޕޯޓެއްގައި ކަން ހާމަކޮށްފައެއް ނުވެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ވަނީ ބައެއް ގައުމުތަކަށް ދަތުރުކުރުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. ރާއްޖެއިން ވަގުތީ ގޮތުން ދަތުރުފަތުރު ކުރުން މަޑުޖައްސާލާފައި އޮތް ގައުމުތަކުގެ ތެރޭގައި ސްޕެއިންގެ އިތުރުން ބަންގްލަދޭޝާއި ޗައިނާއާއި އީރާނާއި ސައުތް ކޮރެއާގެ ދެ ޕްރޮންވިސާއި އިޓަލީ އާއި ޖަރުމަންގެ ތިން ސިޓީ އެއްގެ އިތުރުން ފްރާންސްގެ ދެ ސީޓީއެއް ހިމެނެއެވެ.

ސްޕެއިން އިން ރާއްޖެއައި ދިވެއްސަކު ފަރުކޮޅުފުއްޓަށް ގެންގޮސްފައިވާއިރު، ދޯހާއިން ރާއްޖެއަށް އައި މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ވަނީ ފެނިފައެވެ. އަދި އޭނާ ދަތުރުކުރި ފްލައިޓް ދަނީ މޮނިޓާ ކުރަމުންނެވެ. ދޯހާއިން އައި ފްލައިޓް ޖައްސާފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.