އަދާ ޖެހުނުއިރު ކަނޑައެޅިގެން ވަކި ފަރުވާއެއް އަދި ވެކްސިންއެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގިނިކަންޏާ ކުރިމަތިލައިގެން އެއްވެސް ގައުމަކަށް ކާމިޔާބު ނެތް ކަމަށާ، މިކަމަކީ ތާރީހު ނުދެކޭ ވަރުގެ ގުޅުމެއް ބަދަހިކޮށް މެނުވީ ހާސިލުވާނެ ކަމެއް ނޫންކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިފަދަ މޭރުމަކުން ވާހަކަފުޅުދައްކަވާފައި ވަނީ، ކޮވިޑް-19އާ ކުރިމަތިލުމަށް ސާކު ގައުމުތަކުގެ ގުޅިފައިވާ އިސްތިރާޖެއް އެކުލަވާލުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްނަންގަވައިގެން މިއަދު ހަވީރު ކުރިއަށް ގެންދެވި ޓެލެކޮންފަރެންސްގައި ދިވެހިރާއްޖެ ތަމްސީލުކުރައްވަމުންނެވެ.

ރާއްޖެއިން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހަކު ފުރަތަމަ ފެނިފައިވަނީ މާޗް 7 ވަނަ ދުވަހުކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަން ފެތުރިގެން ހިނގައިދާނެ ކަމަށްޓަކައި މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ރާއްޖެއިން ފިޔަވަޅުތަކެއް އަޅާ، ތައްޔާރުވާން ފަށާފައިވާކަމަށެވެ. އެގޮތުން ސްޓޭންޑަޑް އޮޕަރޭޝަން އިސްތިރާޖު (އެސްއޯޕީ) އެކުލަވާ، ކަރަންޓީނާ އެކަހެރިކޮށްފައި ބަހައްޓާނެ ފެސިލިޓީތައް ގާއިމުކޮށްފައިވާކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ރާއްޖޭގައި ފެތުރިއްޖެނަމަ ދިވެހި ފަރުދުންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރަމުންދާ އެތައް ހާސް ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމަށް މަސައްކަތްކުރަންޖެހޭނެ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ރާއްޖެއިން އެންމެ ހާއްސަ ސަމާލުކަމެއް ދެނީ ލިބިފައިވާ މަދު ވަސީލަތްތަކަށް ބުރަ ބޮޑު ނުވާނެހެން، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް އެޅުމަށް ކަމަށްވެސް ރައީސް ސޯލިހު ވަނީ ތަފްސީލުކޮށްދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ޖިއޮގްރަފީއަކީ މި ހާލަތަށް ބަލާއިރު އެއްގޮތަކުން ގޮންޖެހުމެއް ކަމަށާ، އަނެއް ގޮތަކުން ބަލާއިރު ހެޔޮ ފުރުސަތެއް ކަމަށެވެ. ޖަޒީރާ ރަށްތަކެއްގެ މައްޗަށް ގައުމު ބެހިފައިވާއިރު، ކޮވިޑް-19އަށް ޝައްކުވާ ކޭހެއް ފެނިއްޖެނަމަ ވަކިވަކި އާބާދުތައް އެކަހެރިކޮށް ކަރަންޓީނު ކުރުމުގެ ފުރުސަތު ތަނަވަސްވާކަމަށް ރައީސް ވިދާޅުވިއެވެ. ކަންމިހެން އޮތްއިރު، ދުރު ރަށަކުން މީހެއްގެ ހާލު ސީރިއަސްވެ ސިއްހީ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ހިނދު އެމީހަކު ގެންނަންޖެހެނީ ވެރިކަން ކުރާ މާލޭ ސިޓީއަށް ކަމަށާ، މިކަމަކީ ބޮޑު ޚަރަދެއް ހިނގާ ކަމެއް ކަމަށާ، މިއީ ސިއްހީ މަސައްކަތްތެރިންނަށްވެސް ތަކުލީފުތަކެއް ކުރިމަތިކުރުވާ ކަމެއްކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މި ދަނޑިވަޅަކީ، ރާއްޖޭގެ ސަރަހައްދީ ހޮސްޕިޓަލިތައް އެންމެ އެކަށީގެންވާ ފެންވަރަށް ތަރައްގީވެފައިވާ ދަނޑިވަޅެއް ނޫންކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ސިއްހީ ހިދުމަތް ފޯރުކޮށްދޭ ޕްރޮފެޝަނަލް ތަޖުރިބާކާރުން ލިބުން ދަތިވެފައިވާއިރު، ވަކިން ހާއްސަކޮށް ސްޕެޝަލިސްޓް ޑޮކްޓަރުން ލިބުމުގައި ކުރިމަތިވެފައިވާ ދަތިކަމަކީ މިފަދަ ސިއްހީ ކާރިސާއެއްގެ ވަގުތުގައި ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑު ގޮންޖެހުންކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މިފަދަ ދަނޑިވަޅެއްގައި އިންޑިއާގެ ދީލަތި އެހީގެ ނަސީބު ދިވެހިރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވަމުން ރައީސް ސޯލިހު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި އިންޑިއާގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަހައްދީ ފެންވަރުގައި މިފަދަ މަޝްވަރާތަކެއް ފެއްޓެވީތީ މޯދީއަށް ވަކިން ހާއްސަކޮށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ކޮވިޑް-19އާ ސާކް ގައުމުތަކުން ގުޅިފައިވާ އިސްތިރާޖެއްގެ ދަށުން ކުރިމަތިލުމަށް މޯދީ އިސްނަންގަވައިގެން މަޝްވަރާތަކެއް ފައްޓަވާފައިވާއިރު، 2003 ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ރޯގާގެ ދުވަސްވަރު، ސާކު ގައުމުތަކުގެ ގުޅިފައިވާ އިސްތިރާޖު އެކުލަވާލުމުގައި ސާކު ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއެކު ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިރާއްޖޭގެ އިސްނެގުމާއެކުގައެވެ.