ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ ބޮޑުވެފައިވާއިރު މިއަހަރަށް ފެށުނު ފަހުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިންތިހާއަށް ދަށްވަމުންދާކަމަށާ، މިކަމުގެ ސަބަބުން ރާއްޖެއަށް ބޭރު ފައިސާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެ، ގާތްގަނޑަކަށް 450 މިލިއަން ޑޮލަރުގެ ގެއްލުންވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިކަން ފާހަގަކުރައްވާފައިވަނީ، ކޮވިޑް-19އާ ކުރިމަތިލުމަށް ދެކުނު އޭޝިއާ ސަރަހައްދުގެ ގުޅިފައިވާ އިއްތިހާދު (ސާކް) ގައުމުތަކުގެ ލީޑަރުންނަށް އަމާޒުކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ އިސްކޮށް ހުންނަވައިގެން މިއަދު ހަވީރު ފެއްޓެވި ޓެލެކޮންފަރެންސްގައި، ދިވެހިރާއްޖެ ތަމްސީލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހު ވިދާޅުވީ ބޭރު ފައިސާ ލިބުން ދަތިވަމުންދާ ކަމުގައި ވަނީނަމަ އެކަމުގެ ނޭދެވޭ އަސަރު، އިމްޕޯޓަށް އިންތިހާއަށް ބަރޯސާވެފައިވާ ދިވެހި އިގުތިސޯދަށް ކުރާނެ ކަމަށެވެ.
ބޭރު ފައިސާ ލިބުން ދަތިވުމާ، ގައުމަށް ލިބޭ އާމްދަނީ ދަށްވަމުން ދިއުމުގެ ސަބަބުން، އެންމެ ހަލުވި މިނުގައި ކޮވިޑް-19އާ ކުރިމަތިލުމަށް ކުރަންޖެހޭ މަސައްކަތްތަކަށްވެސް ސީރިއަސް ހުރަސްތަކެއް ކުރިމަތިވަމުން އަންނަކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ.
މިހާތަނަށް ލިބިފައިވާ އަންދާޒާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދާނީ ދަށްވަމުން ކަމަށާ، މިއާއެކު ދިވެހި ސަރުކާރުގެ އާމްދަނީ 135.9 މިލިއަން ޑޮލަރާ 446.6 މިލިއަން ޑޮލަރާ ދެމެދު މިންވަރަކަށް، މި ހިނގާ 2020 ވަނަ އަހަރުގެ ތެރޭގައި ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެހެންކަމުން، ކޮވިޑް-19އާ ކުރިމަތިލުމަށް ސަރަހައްދީ ފެންވަރުގައި ގުޅިފައިވާ އިސްތިރާޖެއް އެކުލަވާލެއްވުމަށް މޯދީ ގެންގުޅުއްވާ ތަސައްވުރަށް ފުރިހަމައަށް ތާއީދުކުރައްވާކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވާފައެވެ. އަދި މިފަދަ އިސްތިރާޖަކީ، މައިގަނޑު 3 ކަމެއްގެ މައްޗަށް އެކުލެވެންޖެހޭނެ އިސްތިރާޖަކަށް ވާންޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފުރަތަމަ ކަމަކީ، ކޮވިޑް-19އާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރުމާ އަމަލު ކުރަންވީ އެންމެ ރަނގަޅު އުސޫލުތައް ބަޔާންކޮށްދިނުމުގައި ސާކް ސަރަހައްދުގެ ގައުމުތަކުގެ ސިއްހީ ކުއްލި ހާލަތަކާ ގުޅޭ އިދާރާތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް ގާތް ގުޅުމެއް ދެމެހެއްޓުން ކަމަށާ، ދެވަނަ ކަމަކީ ބަލިމަޑުކަމުގެ ސަބަބުން ނޭދެވޭ އަސަރުކުރާ ގައުމުތަކަށް ކުރިމަތިވާ އިގުތިސޯދީ ހީނަރުކަމުން އަރައިގަންނާނެ އެހީގެ ޕެކޭޖުތަކެއް ތައާރަފުކުރުން ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. ތިންވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ، ދިގުމުއްދަތަކަށް ދެމިގެންދާ ގޮތަށް ސަރަހައްދީ ފެންވަރުގައި ރިކަވަރީ ޕްލޭނެއް އެކުލަވާލުމެވެ.
ރާއްޖެ ގަޑިން މިއަދު ހަވީރު 16:30 ގައި ފެށި ޓެލެ ކޮންފަރެންސްގައި ސާކުގެ 8 ގައުމުގެ ތެރެއިން 7 ގައުމެއްގެ އެންމެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ޕާކިސްތާނު ތަމްސީލުކުރައްވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ އަރިސް ޑިޕްލޮމެޓެކެވެ.