ކޯވިޑް-19 އަށް ޓެސްޓް ކުރެވޭ 5000 ކިޓް ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ ޑަބްލިއުއެޗްއޯ އިން ހަދިޔާކޮށްފިއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ޓެސްޓްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމާއި ގާބިލްކަން ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އަރުވިންދު ވިދާޅުވީ ކޯވިޑް-19 އަށް ރާއްޖެއިން މަސައްކަތް ކުރަމުންދަނީ ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ.

ކޮވިޑް-19 އަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ ލެބޯރްޓަރީގައި ޓެސްޓުކުރެވޭނެ ގޮތް ހަދާފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހެވެ. ޑައިބްލިއުއެޗްއޯއިން އޭރު ވަނީ 5000 ސްކްރީން ކިޓް އަދި 1000 ކޮންފޮމެޓަރީ ކިޓް ރާއްޖެއަށް ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 13 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 2 ބިދޭސީއަކާއި ސަފާރީއަކުން 2 ބިދޭސީއެކެވެ. މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ޕޮޒިޓިވް ވެފައެއް ނުވެއެވެ.