ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީހަކު ފެނިފައިވާ 'އައިލެންޑް ސަފާރީ 1' ކަރަންޓީނު ކުރިފަހުން ފުވައްމުލަކު ބަނދަރަށް ވަންނަން އުޅުމުން އެކަން ހުއްޓުވި ކަމަށް ފުވައްމުލަކު ސިޓީ ކައުންސިލުގެ މޭޔަރު ފަލާހް ޝަރީފް ވިދާޅުވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ފަލާހް ޝަރީފް ވިދާޅުވީ، މިދިޔަ ބުދަ ދުވަހުގެ މެންދުރު އެ ސަފާރީ ފުވައްމުލަކަށް ދިޔަ ކަމަށެވެ. އަދި އެ ސަފާރީ ފުރާފައި ވަނީ ބުދަ، ބުރާސްފަތި ދެ ދުވަހު ފުވައްމުލަކު ބަނދަރުގައި އޮތުމަށް ފަހު ކަމަށް ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، ކުރިން ސަފާރީތަކުން ފުވައްމުލަކަށްދާ ފަތުރުވެރިން ރަށުތެރޭގައި އުޅޭ ކަމަށާއި، ނަމަވެސް މިހާރު އެކަން ވާނީ ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ކޮށްފައި ކަމަށެވެ. އަދި މިހާރު ސަފާރީތަކުންދާ މީހުން ބަނދަރުމަތީ ހުންނަ ސައި ހޮޓާތަކުން ސައި ބޮއެގެން، ފިހާރަތަކުން ބޭނުންވާ ސާމާނު ގަނެގެން އަދި ކައުންސިލަށް ދައްކަން ޖެހޭ ފީ ދެއްކުން ފަދަ ކަންކަން އެމީހުން ކުރާ ކަމަށެވެ.

އައިލެންޑް ސަފާރީ

އަދި އައިލެންޑް ސަފާރީން ވެސް އެފަދައިން ސަފާރީގެ މުވައްޒަފުންގެ ގްރޫޕެއް ފައިބައިގެން ބަނދަރުމަތީގައި އުޅުނު ކަމަށް ފަލާހް މައުލޫމާތު ދެއްވިއެވެ. ފަލާހް ވިދާޅުވީ، ބުދަ، ބުރާސްފަތި ދެ ދުވަހު އެރަށުގައި ބަނދަރުކޮށްފައި އޮތުމަށްފަހު ފުރައިގެން ދިއުމަށް ފަހު، އެ ސަފާރީން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ފެނިގެން ސަފާރީ މޮނިޓަރިންގެ ހާލަތަށް ގެނެވިފައި ވަނިކޮށް މިދިޔަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ހާއިރު އެ ސަފާރީ ފުވައްމުލަކަށް ވަންނަން އުޅުނު ކަމަށެވެ. ނަމަވެސް، އެކަމަށް ކައުންސިލުން ހުއްދަ ނުދިނުމުން، ކައުންސިލުގެ އެދުމަށް ސަފާރީން ރަށަށް ނުވަންނަ ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި އެ ސަފާރީ މޮނިޓަރިންގެ ހާލަތުގައި އޮތް އިރު، އެ ސަފާރީއަށް ޒިޔާރަތްކޮށްފައި ވަނީ ހަމައެކަނި ފުވައްމުލަކު ހޮސްޕިޓަލުގެ ޓީމް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ފުވައްމުލަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނެއްގައި ވަނީ، އެ ސަފާރީން ފުވައްމުލަކަށް ފޭބި މުވައްޒަފުންނާއި ކޮންޓެކްޓްވި ފަރާތްތައް ފަރުދީ ޒިންމާ ނަގައިގެން ފުވައްުލަކު ހޮސްޕިޓަލާ އެ މައުލޫމާތު ހިއްސާ ކޮށްދިނުމަށް އެދިފައެވެ. އަދި ކޮވިޑް-19އާ ގުޅިގެން ކަމާބެހޭ އިދާރާތަކުންދޭ އިރުޝާދުތަކާ އެއްގޮތަށް އަމަލު ކުރުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާ ގުޅިގެން ކޮވިޑް-19ގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް، މިހާތަނަށް ހަމަކުރައްވައިއިވާ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖެއިން އެންމެފަހުން ކޮވިޑް-19 އަށް ޕޮޒިޓިވްވި 2 މީހުން ފެނިފައި ވަނީ 'އައިލެންޑް ސަފާރީ' އިންނެވެ. އެ ސަފާރީ ފެނިފައި ވަނީ ފުވައްމުލަކު ސަރަހައްދުން ކަމަށެވެ. މަބްރޫކް ވިދާޅުވީ، އެ ސަފާރީ ފުވައްމުލަކަށް ބަނދަރުކޮށްފަިއވާ ކަމުގެ މައުލޫމާތު ލިބުމުން، އެރަށުގައި ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައިލެންޑް ސަފާރީގައި ތިއްބައި ކޮވިޑް-19އަށް ޕޮޒިޓިވްވި 2 ގެސްޓުން ލ. އަތޮޅަށް ގެންދިއުމަށް ނިންމާފައި ވާ ކަަމަށާއި އަދި އޭގައި ތިބި 16 މުވައްޒަފުން ސަފާރީގައި މާލެއަށް ގެނައުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މަބްރޫކް ވިދާޅުވީ، އައިލެންޑް ސަފާރީ މިހާރު ދަނީ ލ. އަތޮޅަށް ދަތުރު ކުރަމުން ކަމަށާއި އެ ސަފާރީގައި ޕޮޒިޓިވް ވެފައިވާ ދެ މީހުން މިވަގުތަށް ލ. އަތޮޅަށް ގެންދިޔަ ނަމަވެސް އެމީހުން ފަރުކޮޅުފުއްޓަށް ގެންދަން ޖެހޭތޯ މިހާރު ޑޮކްޓަރުން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު އައިލެންޑް ސަފާރީ އުޅަނދު ކަރަންޓީނުގެ ހާލަތަށް ގެނެސް އޭގައި ތިބި 16 މުވައްޒަފުންނާއެކު ސަފާރީ މާލެ އަންނާނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ. އަދި މިހާރު އެ ސަފާރީ ދަނީ ލާމު އަތޮޅާ ދިމާލަށް ދަތުރުކުރަމުން ކަމަށް މަބްރޫކް ވިދާޅުވެފައި ވާއިރު އެ ސަފާރީގައި ތިބީ 16 މުވައްޒަފުންނާއި، 16 ފަތުރުވެރިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި 16 ފަތުރުވެރިންނަށް ހަދާ ގޮތެއް މަބްރޫކު ވިދާޅެއް ނުވެއެވެ.