މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން މާފުށީ ޖަލު ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ކަރެކްޝަނުން ބުނީ ރައްކާތެރި ކަމަށް އަޅާ ފިޔަވަޅެއްގެ ދަށުން ރާއްޖޭގެ މައި ޖަލު މާފުށީ ޖަލު މިއަދުން ޑިސްއިންފެކްޓް ކުރަން ފަށާފައިވާ ކަމަށެވެ. އެ ހަރަކާތުގައި ޖަލުގެ ގޮޅިތަކާއި ފާހާނާތަކާއި ކޮރިޑޯތަކުގެ އިތުރުން ގައިދީންނާއި ބޭނުންކުރާ އާންމު ތަންތަންވެސް ސާފުކޮށް ޑިސްއިންފެކްޓްކުރާނެ ކަމަށައި އޭގެ އިތުރުން ކޮރޯނާވައިރަހަށް ގައިދީން ހޭލުންތެރިކުރުމުގެ ގޮތުން، މައުލޫމާތު ވެސް ހިއްސާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް ކަރެކްޝަންސްއިން ބުނެއެވެ.

ޖަލުތަކުގައި ތިބި ރާއްކާތެރިކަމަށްޓަކައި އެކަހެރި ބައްދަލުވުންތަކާއި އާއިލީ ބައްދަލުވުންތައްވެސް މެދުކަނޑާލައިފައިވާއިރު ގައިދީންނަށް އަންނައުނު ފޯރުކޮށްދިނުންވެސް މެދުކަނޑާލާފައިވާ ކަމަށް ކަރެކްޝަންސްއިން ވަނީ ބުނެފައެވެ. ނަމަވެސް، އާއިލާއާއި އޮންނަ ގުޅުން ބަދަހިކޮށް އިތުރު ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގައިދީންނަށް ދެމުންދާ ފޯންކޯލްތައް އިތުރުކުރުމަށް ވަނީ ނިންމައިފައެވެ. އޭގެ އިތުރުން، ރޯނގާ ޖެހިފައިވާ ގައިދީއަކު ޝަރީއަތަށް ކޯޓަށް ހާޒިރު ނުކުރުމަށްވެސް ނިންމާފައިވާ ކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.

ކޮވިޑް 19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ހާލަތު ވަނީ އިއުލާނުކޮށްފައެވެ. އަދި އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އެ ނިންމުން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.