ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން އއ ވެލިދޫގައި ތިންވަނަ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

ދަރުބާރުގޭގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރުމަށް ސަރުކާރަށް ލިބިފައިވާ ޓޫރިސްޓް ރިސޯޓަކީ އއ. ވެލިދޫގައި ހިންގަމުން އައި ވެލިދޫ އައިލެންޑް ރިސޯޓުކަމަށެވެ. ތިން ވަނަ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާ ހަވާލުކުރާ އއ. ވެލިދޫއަކީ 2019 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ޓޫރިސްޓު ރިސޯޓެއް ހިންގަމުން އައި ރަށެއް ކަމަށްވެސް އަލީ ވަހީދު ވިދާލުވިއެވެ.

މީގެ އިތުރުން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓު ދިވެހި ސަރުކާރަށް ލިބިފައިވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ ގޮތަށް ކަމަށާއި މިހާރު ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީގެ ޓިމުތައް އެތަން ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އއ.ވެލިދޫގައި ހިންގަމުން އައި ރިސޯޓަކީ 100 ކޮޓަރީގެ ރިސޯޓެއް ކަމަށައި 80 ބީޗު ބަންގަލޯއާއި 20 މޫދުކޮޓަރި ކަމަށްވެސް އަލި ވަހީދު ވަނީ ވިދާޅުވެފައެވެ. އަދި ވިލިވަރުގައި 110 ކޮޓްރީގެ ކަރްނޓިން ފެސިލިޓީގެ އިމާރާތެއް ފޭސް 2 ގެ ގޮތުގައި އަޅަން ކަނޑައަޅާފައިވާ ކަންވެސް އަލީ ވަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މިހާރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ކ. ވިލިނގިލިވަރު (ވިލިވަރު) ގައި 30 ކޮޓަރީގެ ފެސިލިޓީއެއް ގާއިމުކޮށްފައިވެއެވެ. މީގެ އިތުރުން ކަރަންޓީން ފެސިލިޓީ ގާއިމްކޮށްފައި ވަނީ ފަރުކޮޅުފުށީގައެވެ.

ކޮވިޑް 19ގެ ރާއްޖޭގެ ހާލަތަށް ބަލާއިރު، މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

އަދި މިހާތަނަށް އައި ރާއްޖެއިން 10 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.