ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް 19 އާ ގުޅިގެން މިރޭ ދަންވަރު 12:00 އިން ފެށިގެން ޔޫރަޕްގެ އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން މަނާކޮށްފިއެވެ.
އެއީ ސްޕެއިނާއި ޖާމަނީ ގެ އިތުރުން ފްރާންސްއިން ގެ ވަކި ތަންތަނުން މީހުން ރާއްޖެއަށް މީހުން އައުމެވެ.
ޔޫރަޕްގެ ތިން ގައުމަކުން މީހުން އެތެރެވުން މަނާކޮށްފައިވާއިރު، އެއީ ރާއްޖެއަށް ޓޫރިސްޓުން ގިނަ އަދަދަކަށް އަންނަ ތިން ގައުމެވެ. އެހެންކަމުން އޭގެ ސަބަބުން ޓޫރިޒަމަށް ބޮޑު ލޮޅުމެއް އަރާނެއެވެ. މީގެކުރިން އިޓަލީއިން މީހުންނާއި ޗައިނާ، ބަންގްލަދޭޝް، ސައުތު ކޮރެއާ އަދި އީރާންއިން މީހުން އެތެރެވުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާއިރު، މިއަދު ހެލްތު ޕްރޮޓެކްޝަން އޮތީރިޓީ (އެޗްޕީއޭ)އިން ވަނީ މުހިންމު ތިން ފިޔަވަޅެއް އަޅާފައެވެ. އެގޮތުން އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފައިވާއިރު، ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން މަނާކުރުމުގެ ރާއްޖޭގެ ސްކޫލްތައް ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފައިވާއިރު، އިތުރުން ކޮލެޖް ޔުނިވާސިޓީތަށްވެސް ވަނީ ބަނދުކުރަން އަންގާފައެވެ. ސްކޫލްތައް ވަނީ ހުޅުވުން އެއް ހަފުތާއަށް ލަސްކޮށްފައިވާ ނަމަވެސް ނަމަވެސް އޮންލައިންކޮށް ކިޔަވައިދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.
މި ފިޔަވަޅު އެޗްޕީއޭއިން އެޅީ ކޮވިޑް 19 އަށް ރާއްޖޭގައި ޕޮޒިޓިވްވި މީހުންގެ އަދަދު 10 އަކަށް އަރާފައިވަނިކޮށެވެ. ކޮވިޑް19 އަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ. ކޮވިޑް19 ފެތުރެމުންދާތީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ މިދިޔަ ބުރާސްފަތި ދުވަހެވެ. އެއީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 30 ދުވަހުގެ މުއްދަތަކަށެވެ.
މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.
މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.
އަދި މިހާތަނަށް އައި ރާއްޖެއިން 10 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.