ކޮވިޑް 19 އާ ގުޅިގެން ރިސޯޓު ތަކުން އެހެން ރަށްރަށަށް ދަތުރުކުރުން ހުއްޓާލަން އެޗްޕީއޭއިން އަންގައިފިއެވެ.
އެޗްޕީއޭއިން ބުނި ގޮތުގައި ކޮވިޑް 19ގެ އަލާމާތްތައް ފެނިގެން އެ ރިސޯޓުން މިފަހުން އެކަހެރިކުރި 10 މީހުންގެ ނަތީޖާ މިއަދު ލިބިފައިވާ ކަމަށައި އޭގެ ތެރެއިން އެކެއްގެ ނަތީޖާ ޕޮޒިޓިވްވިއިރު އަނެއް ނުވަ މީހުންގެ ނަތީޖާ ނެގަޓިވް ވެފައިވާ ކަމަށެވެ. އެ އެންމެންނަކީ ވެސް ކޮންޓެކްޓް ޓްރޭސިންއިން ފާހަގަވި މީހުންނެވެ.
ކޮވިޑް 19އާ ގުޅިގެން ރާއްޖޭގައި މިހާރު އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު، އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިއަދުގެ އިރުއޮއްސި 6:00 އިން ފެށިގެން ރިސޯޓުތަކުން މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރުނުކުރުމަށާއި، ރާއްޖޭގެ އެއްވެސް ރަށަކުން ރިސޯޓުތަކަށް މީހުން ދަތުރުކުރުން ހުއްޓާލަން އަންގާ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ. އެ ނިންމުން ނިންމާފައިވަނީ 14 ދުވަހުގެ މުއްދަތަށްކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން މިގޮތަށް އަންގާފައިވަނީ، ކުރެއްދޫ އައިލެންޑް ރިސޯޓުން އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާކަމަށް ބުނެފައި ވަނިކޮށެވެ.
މިހާތަނަށް ރާއްޖެއިން 10 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 5 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.
އޭގެ އިތުރުން، ވައިރަހާ ގުޅިގެން ރާއްޖޭގެ 14 ރިސޯޓެއް ވަނީ މީހުން އެރުމާއި ފޭބުން މަނާކޮށް ލޮކްޑައުންގައެވެ. އެއީ މީރު އައިލެންޑް ރިސޯޓާއި، ބަންޑޮސް އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓެވެ.
އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓް ވެސް އޮތީ ލޮކްޑައުންގައެވެ.