ކުރެއްދޫ އައިލެންދް ރިސޯޓުން ޓެސްޓް ކުރި 10 މީހުންގެ ތެރެއިން އެކަކު ކޮވިޑް 10 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް 19 އާއި ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުން އިއްޔެ ސާމްޕަލް ނަގާފައިވާ 10 މީހުންގެ ތެރެއިން އެކަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް 10 ވަނަ މީހަކު ޕޮޒިޓިވް ވެފައިވާއިރު، އޭގެތެރެއިން ކުރެއްދޫ އައިލެންޑް ރިސޯޓުންވަނީ ފަސް ބިދޭސީއަކު ޕޮޒިޓިވް ވެފައެވެ. މިއީ މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުން އެންމެ ގިނައިން ފެނުން ރަށެވެ. މީގެ އިތުރުން ކޮވިޑް 19 އަށް ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއަކު ވަނީ ޕޮޒިޓިވް ވެފައެވެ.

ކޮވިޑް 19 އަށް ޕޮޒިޓިވެ ވެފައިވާ މީހުން ފެނިގެން، ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީޒް ބަތަލާ ރިސޯޓުގެ އިތުރުން ކުރަމަތި ރިސޯޓަށް އަރައި ފޭބުން މަނާކުރި ކުރުން ނިމުމަކަށް ގެނެސް ތިން ރިސޯޓު ވެސްވަނީ ހުޅުވާލާފައެވެ. ނަމަވެސް ރައްކާތެރި ފިޔަވަޅެއްގެ ގޮތުން، މިހާރުވެސް ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރައްހަދެއްގައި އެކަހެރިކޮށް ބޭތިއްބުމުގެ އިންތިޒާމް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެ ތިން ރިސޯޓު ހުޅުވި ނަމަވެސް، ބަލިން ރައްކާތެރިކުރުމަށްޓަކާ އަޅާ ފިޔަވަޅާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒުކުރުމަށްް ސިއްހީ މުވައްޒަފުން ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ކޮރޯނާވައިރަހަށް ޕޮޒިޓިވްވި މީހުން މި 3 ރިސޯޓުން ފެނުމުން ރިސޯޓަށް އަރާ ފޭބުން ބަންދުކުރި ނަމަވެސް އަލުން ހުޅުވި ސަބަބެއް އެޗްޕީއޭއަކުން ނުބުނެއެވެ.