ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓްގެ ބިދޭސީއަކު ކޮވިޑް 19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން އޭނާ އެކަހެރިކޮށް ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ މިވަގުތު އެ މީހާ ހުރީ ހޯމް އައިސޮލޭޝަންގައި ކަމަށާއި އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް ރިސޯޓް ދަނީ މޮނީޓާ ކުރަމުން ކަމަށެވެ.

އެ ރިސޯޓުގައި ތިބި ބިދޭސީންތަކެއްގެ ގައިން ކޮވިޑް19ގެ އަލާމާތް ފެނިފައިވާ ކަމަށް އެޗްޕީއޭއިން ބުނެފައި ވަނީ ރޭގައެވެ. ނަމަވެސް އެ ރިސޯޓުން ބަލީގެ އަލާމާތް ފެނިފައިވަނީ ކިތައް ބިދޭސީންގެ ކަމާއި އެއީ ކޮން ގައުމެއްގެ ބައެއް ކަން އެޗްޕީއޭއިން ހާމައެއް ނުކުރެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ ފަސް ރިސޯޓެއް މޮނީޓާ ކުރުމަށް ވަނީ ބަންދުކޮށް މީހުން އަރާ ފޭބުން މަނާކޮށްފައެވެ. އެޗްޕީއޭއިން ބުނީ މޯލްޑިވްސް ފުލްމޫން ރިސޯޓު (ފުރަނަފުށި) އައި ބަނޑޮސް މޯލްޑިވްސް (ކ. ބަނޑޮސް)އާއި އޮޅުވެލި ބީޗު ރިސޯޓު (ކ. އޮޅުވެލި)އާއި މީރު އައިލެންޑް ރިސޯޓު (ކ. މީރުފެންފުށި) އަދި ޑްރީމްލޭންޑު މޯލްޑިވްސް ރިސޯޓު (ބ. ހިރުނދޫ) މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.