ދުނިޔޭގައި ހަލުވިކަމާއި އެކުގައި މިހާރު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަސް ޝައްކުވާ ދެ މީހަކު ރާއްޖޭގެ ސަފާރީއަކުން ފެނި ޝައްކުވި 2 މީހުންގެ ސާމްޕަލްނަގައި، ސަފާރީ މޮނީޓަރިންއަށް ގެންގޮސްފިއެވެ.

އެޗްޕީއޭއިން ބުނީ ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރި 2 ބިދޭސީން ސަފާރީ އުޅަނދެއްކަމުގައިވާ "ވައިޓް ވޭވްސް" ގައި އެކަހެރިކޮށް، އެފަރާތް ތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށައި އެ ކަމާއި ގުޅިގެން، އެ ސަފާރީ މިހާރުވަނީ މޮނީޓަރިންގެ ހާލަތަކަށް ގެނެވިފައިކަމަށެވެ.

ކޮވިޑް19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް އަޒީޒް ރޭ ވިދާޅުވެފައި ވަނީ އެ ސަފާރީއަކީ ރާއްޖޭގައި އޮޕަރޭޓު ކުރާ ސަފާރީއެއް ކަމަށާއި އެ ސަފާރީގައި ތިބި ދެ މީހެއްގެ ގައިން ކޮވިޑް 19 ގެ އަލާމާތްތައް ފެނިފައިވާތީ ސަފާރީގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ. އަދި އެ ކޭސް އިތުރަށް ބެލުމަށްޓަކައި އެ ސަފާރީއަށް ހާއްސަ ޓީމެއް ދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.

އަދި މިހާތަނަށް އައި ރާއްޖެއިން 9 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.