ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑު 19 ނުވަތަ ކޮރޯނާވައިރަސް ރާއްޖޭގައި ފެތުރިފައި އޮތް މިންވަރު ވަރަށް ބޮޑަށް އިތުރުވެ އެންމެ ގޯސް ހާލަތެއްގައި ރާއްޖެއިން 10،000 މީހުން މަރުވެދާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ޕްރޮފެސަރު އުގެއިލު ވިދާޅުވެއްޖެއެވެ.

އުގެއިލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރަން އެއްވެސް ކަމެއް ނުުކުރާނަމަ އާބާދީގެ 65 ޕަސެންޓަށް އެ ވައިރަސް ފެތުރޭނެ ކަމަށާއި އޭގެތެރެއިން 3 ޕަސެންޓް މީހުން މަރުވާނެ ކަމަށް ލަފާ ކުރެވޭކަމަށެވެ. އަދި އެ 10،000 މީހުންގެ ތެރޭގައި އެންމެ ގިނައިން ހިމެނޭނީ އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ އެކި މައްސަލަތަށް ހުރި މީހުންކަމަށް އުގެއިލް ވިދާޅުވެއެވެ. އެހެންކަމުން މަރުވާ މީހުންގެ އަދަދު މަދު ކުރުމުގެ ގޮތުން އެފަދަ ހާލަތެއްގައި ތިބި މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ރަނގަޅު ފަރުވާ ދެވޭނެ އިންތިޒާމު ހަމަޖެއްސިފައި ހުރުމަކީ މުހިންމު ކަމެއް ކަމަށްވެސް އުގެއިލް ފާހަގަ ކުރައްވައެވެ.

މީގެ އިތުރުން އުގެއިލް ވިދާޅުވީ މިވައިރަހުގެ އަސަރު ކުރާ ޒުވާނުން އަދި ސިއްހަތު ރަނގަޅު ބޮޑެތި މީހުން ވައިރަހުން ސަލާމަތް ވުމުގެ ފުރުސަތު ބޮޑު ކަމަށާއި އެ ވައިރަސް ދެވަނަފަހަރަށް ޖެހުނު ނަމަވެސް އެމީހުންނަށް އެއިން އަސަރު ކުރާ މިންވަރު ކުޑަވާނެ ކަމަށްވެސް އުގެއިލް ވިދާޅުވެއެވެ. އަދި އެންމެންނަށް އެ ވައިރަސް ޖެހުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށްވެސް އުގެއިލް ވިދާޅުވެއެވެ.

މިހާތަނަށް ރާއްޖެއިން 9 ފަރާތެއް ވަނީ މިބައްޔަށް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން 4 ބިދޭސީއަކާއި، ސޭންޑީޒް ބަތަލާއިން 2 ބިދޭސީއަކާއި، ކުރަމަތިން 2 ބިދޭސީއެއްގެ އިތުރުން އަނަންތަރާއިން 1 ބިދޭސީއެކެވެ. މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.

އަދި މިހާތަނަށް ރާއްޖެއިން 9 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.