ރޯދަ މަހާއި ހަ ރޯދަ ނިމެންދެން ފިހާރަތަކާއި ހޮޓާ، ރެސްޓޯރެންޓަތަށް ހުޅުވާފައި ހުންނާނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ މިއަހަރުގެ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތުން ފެށިގެން މެންދަމު 3:00 އާ ދެމެދު ކަމަށާއި އެ ދުވަސްތަކުގައި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާންގައި ބުނެފައި ވެއެވެ.

"ދަ ޕްރެސް"އަށް މައުލޫމާތު ދެއްވަމުނެ އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އޭގެ ތެރޭގައި 24 ގަޑިއިރު ހުޅުވުމަށް ހުއްދަ ދޫކޮށްފައިވާ ފިހާރަތަކާއި ހޮޓާފަދަ ތަންތަން ނުހިމެނޭނެ ކަމަށެވެ.

24 ގަޑިއިރު ހިދުމަތްދޭން ބޭނުންވާ ތަންތަނުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅުމުން އެ މިނިސްޓްރީން ބަލައި މިންގަނޑަށް ހުންނަ ތަންތަނަށް އަންނަނީ ހުއްދަ ދެމުންނެވެ. ރޯދަ މަހު ފިހާރަތަކާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާ ގަޑިތަކަށް ބަދަލު ގެނެސަފައިވާއިރު، ކޮންމެ އަހަރަކު ވެސް ރޯދަ މަހުގެ ގަޑިތަކަށް ބަދަލު ގެނެއެވެ.