ސިކްސް ސެންސަސް ލާމު (ލ. އޮޅުވެލި) ރިސޯޓުގެ މުވައްޒަފުން އެހެން ރަށަކަށް ދަތުރުކުރުން މަނާކޮށްފައިވާ ކަމަށް ކުރިން ވިދާޅުވީ އޮޅުމަކުން ކަމަށް ކޮވިޑް19 އާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ ދަރުބާރު ގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވެފައިވަނީ، ރާއްޖޭގެ ފަތުރުވެރިކަން ކުރާ ނުވަ ރިސޯޓެއްގެ މުވައްޒަފުންނަށް ވަކި ގޮތެއް އަންގަންދެން ރިސޯޓުގައި މަޑުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ ކަމަށެވެ. އެ ރިސޯޓުތަކަކީ ކުރެއްދޫ އައިލެންޑް ރިސޯޓާއި ސޭންޑީސް ބަތަލާ އާއި، ކުރަމަތި، ސަމާ އައިލެންޑްގެ އިތުރުން ވިލިމަންދޫ ވަން އެނޑް އޮންލީ ރީތިރަށާއި އިރުވެލި، އޮބްލޫ-ސަންގެލި ރިސޯޓާއި ސިކްސް ސެންސް ލާމު ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު މަބްރޫކް ޓްވީޓް ކުރައްވާ ވަނީ ސިކްސް ސެންސަސް ރިސޯޓުގެ ނަން ކިޔުނީ އޮޅުމަކުން ކަމަށް ވިދާޅުވެ މައާފަށް އެދިވަޑައިގެންފައެވެ.

މިހާތަނަށް އައި އިރު މި ބައްޔަށް ވަނީ ނުވަ ފަރާތެއް ޕޮޒިޓިވް ވެފައެވެ. އެއީ ކުރެއްދޫން ހަތަރު ބިދޭސީއަކާއި، ސޭންޑީސް ބަތަލާއިން ދެ ބިދޭސީއަކާއި ކުރަމަތިން ދެ ބިދޭސީއެއްގެ އިތުރުން އަނަންތާރާ ދިގުރަށޫން އެއް ބިދޭސީއެކެވެ.

ނަމަވެސް މި ބަލީގެ އަލާމާތްތައް ހުރި އިތުރު ކޭސްތަކުގެ ތެރޭގައި ސިކްސް ސެންސަސް ލާމުން ހަތަރު ބިދޭސީއަކު އައިސޮލޭޓްކޮށްފައިވާ ކަމަށް ރޭ މަބްރޫކް ވިދާޅުވިއެވެ. އެ ހަތަރު މީހުންނަކީ އެމީހުން ތިބި ގައުމުން ކައިވެންޏަކަށް ދިޔަ ބައެކެވެ. އަދި އެ ކައިވެނީގެ ހަފްލާގައި މި ބައްޔަށް ޕޮޒިޓިވްވި މީހާކު ހުއްޓެވެ.

ހަމައެއާއެކު ބ. ފެހެންދޫގެ ގެސްޓް ހައުސަކަށް އައި ފުތުރުވެރިއެއްގެ ގައިން މި ބަލީގެ އަލާމާތް ފެނިފައިވާ ކަމަށާއި އޮޅުވެލި ބީޗް ރިސޯޓުން ދެ ބިދޭސީއެއްގެ ގައިން މިބަލީގެ އަލާމާތް ފެނިގެން ޓެސްޓު ކުރެވެމުންދާ ކަމަށް މަބްރޫކް ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ބަނޑޮސް އައިލެންޑް ރިސޯޓުން ބިދޭސީއަކާއި ޝެރަޓަން ފުލް މޫން ރިސޯޓުން ބިދޭސީއަކު މި ބައްޔަށް ޝައްކު ކުރެވޭތީ ޓެސްޓު ކުރަން ސާމްޕަލް ވަނީ ނަގާފައެވެ.

މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓްތަކުން ގެސްޓުން ފުރާފައިވާއިރު ކުރެއްދޫން 220، ބަތަލާއިން 126 އަދި ކުރަމަތިން 73 ގެސްޓުން ވަނީ ފުރާފައެވެ.

އަދި މިހާތަނަށް އައި ރާއްޖެއިން 9 މީހެއްގެ ގައިން މި ބަލި ފެނިފައިވާއިރު ދިވެއްސަކު ޕޮޒިޓީވް ވެފައެއް ނުވެއެވެ.