ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ ޕޯޓުތަކުން މިހާތަނަށް 221،518 މީހުން ސްކްރީންކޮށްފައިވާ ކަމަށް ބުނެފިއެވެ.

ކޮވިޑް19 އާ ގުޅޭ އެންމެ ފަހުގެ މަައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮވިޑް19 އާ ގުޅިގެން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރާއްޖޭގެ ޕޯޓުތަކުން މިހާތަނަށް 221،518 މީހުން ސްކްރީންކޮށްފައިވާ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ފަންނީ ބޭފުޅުން މެދުވެރިކޮށް މައުލޫމާތު ފޯރުކޮށްދިނުމަށް ގާއިމްކުރި ކޯލް ސެންޓަރަށް 3885 ފަރާތުން ގުޅައިގެން މައުލޫމާތު ހޯދާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. މި ދިޔަ ހޯމަ ދުވަހު މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައި ވަނީ، 2233 ފަރާތެއް ކޯލް ސެންޓަރުން މައުލޫމާތު ހޯދުމަށް ގުޅާފައިވާ ކަަމަށެވެ. އެހެންކަމުން މި ވޭތުވެދިޔަ 3 ދުވަހުގެ ތެރޭގައި ކޯލް ސެންޓަރަށް 1652 ފަރާތަކުން ގުޅައިގެން ވަނީ މައުލޫމާތު ހޯދާފައެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، މިއަދާ ހަމައަށް ޕޯޓްތަކުން ސްކްރީން ކުރުމަށްފަހު ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނުދީ 37 ފަރާތެއް އަނބުރާ ފޮނުވާލެވިފައިވާ ކަމަށެވެ.

ރާއްޖޭގައި 8 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާއިރު މި ބައްޔާ ގުޅޭ ގޮތުން އެކި ފަރާތްތައް ޓްރެއިންނިންގް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން މިހާތަނަށް 90،346 މީހަކަށް ޓްރެއިންނިންގެ ދެވިފައިވާކަމށް މަބްރޫކް ވިދާޅުވިއެވެ.

8 މީހުން ޕޮޒިޓިވް ވެފައިވާ އިރު މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ބިދޭސީންނެވެ. މީގެ ތެރެއިން 2 ބިދޭސީން ތިބީ ކްރިޓިކަލް ކެއާ ޔުނިޓުގައި ކަމަށާއި ބާކީ 6 ބިދޭސީން ތިބީ ފަރުކޮޅުފުށީގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި އެމީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ދެއެވެ.

މިހާތަނަށް ޖުމްލަ 91 ސާމްޕަލް ޓެސްޓު ކުރެވިފައިވާ އިރު 81 ސާމްޕަލްގެ ނަތީޖާ ނެގެޓިވް ކަމަށާއި އަދި 2 ސާމްޕަލެއްގެ ނަތީޖާ ނުލިބޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ. ހަމައެއާއެކު 243 ފަރާތެއްގެ ކޮންޓެކްޓް ޓްރޭސިންގް ކޮށްފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކަރަންޓީނުކޮށްފައި ތިބި މީހުންގެ ޖުމްލަ އަދަދު:

  • ފަރުކޮޅު ފުށީގައި 9 ފަރާތެއް،
  • ވިލިވަރުގައި 16 ފަރާތެއް،
  • އަދި ޑީއެޗް 11 ގައި 2 ފަރާތެއް

ދުނިޔޭގައި ހަލުވިކޮށް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފުނމާ އެކު ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން މިހާރު އަންނަނީ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން ސްކޫލްތައް ހުޅުވުން ހަފްތާއަަކށް ފަސްކޮށްފައިވާއިރު އަންނަ ލޯކަލް ކައުންސިލް އިންތިހާބު ވެސް ވަނީ އޭޕްރީލް 18 އަށް ފަސްކޮށްފައެވެ. ހަމައެއާއެކު މި ބަލިން ރައްކާތެރިވުމުގެ ގޮތުން އާޏމު ސާފްތާހިރުކަމަށް ސަމާލުވުމަށް ގޮވާލައި އެއްވެ ނޫޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އިލްތިމާސް ކުރައްވާފައެވެ.