ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ އާ ގުޅިގެން މުވައްޒަފުންނާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި، ފެން ބިލުތައް ގެންގޮސްދޭނީ ކޮންމެ ގޭބިސީއެއްގެވެސް ގްރައުންޑް ފްލޯ އާ ހަމައަށް ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހިދުމަތްތައްކަށް ބައެއް ބަދަލުތައް ގެނެސްފައިި ވަނީ، ވައިރަހާ ގުޅިގެން ރާއްޖެ ޔެލޯ އެލާޓުގައި އޮތުމުން ކަމަށާއި ހާލަތަށް އަންނަ ބަދަލާއެކު ހިދުމަތްތަކަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ. އެހެންކަމުން ބިލު ފަސޭހަކަމާއެކު ރައްދު ކޮށްދިނުމަށް ކޮންމެ ގޭބިސީއެއްގެ ވެސް ގްރައުންޑް ފްލޯގައި ބިލް ހޯލްޑާ ކްލިޕް ބެހެއްޓުމަށާއި، އެފަދަ ވަސީލަތެއް ނެތް ގޭބިސީތަކުން ބިލު ބެހެއްޓޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެމްޑަބްލިއުއެސްސީ އިން އިލްތިމާސް ކުރެއެވެ.

އެ ކުންފުނިން ބުނީ އާންމު ހާލަތަށް ރުޖޫއަވުމާއެކު ކުރިއެކޭ އެއްފަދައިން ބިލު ބެހުމުގެ ކަންތައް ކުރިއަށް ގެންދާނެ ކަމަށާއި ވައިރަހާ ގުޅިގެން އެމްޑަބްލިއުއެސްސީއަށް ބިލްތައް ދައްކަން ދިއުމުގެ ބަދަލުގައި އޮންލައިންކޮށް ބިލްތައް ދައްކަން ވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.

ހަލުވި ކަމާއިއެކު ފެތިރެމުންދާ ކޮރޯނާ ވައިރަހާ ގުޅިގެން ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައެވެ.

ރާއްޖެއިންވެސް ކޮރޯނާވައިރަސް ފެނި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ދަނީ މަތިވަމުންނެވެ. މިހާރު ރާއްޖޭގައި 8 މީހަކަށް ކޮރޯނާވައިރަސް ޖެހިފައި ވާއިރު ފަރުކޮޅުފުށީގައި 15 މީހުން ވިލިވަރުގައި 13 މީހުން އެބަ ތިއްބެވެ.