ބަންގްލަދޭޝްގައި ތިބި ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން މެޗު ނިންމުމަށް ފަހު ލަންކާގައި 14 ދުވަހަށް ކަރަންޓީން ކުރަން ނިންމައިފިއެވެ.

ކޮވިޑް 19 އާ ގުޅިގެން ދަރުބާރުގޭގައި ބާއްވަމުންދާ ބައްދަލުވުންތަކުގައި، ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވަނީ މި ވަގުތު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ތިބި ޓީސީ ސްޕޯޓްސް ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ ލަންކާގައި ކަރަންޓީނު ކުރުމަށް ފަހު ކަމަށާއި ކަރަންޓީނުގެ މުއްދަތަކީ ދެ ހަފުތާ ކަމަށެވެ.

ބަންގްލަދޭޝްގައި ތިބި އެހެން ދިވެހިންގެ ތެރެއިން ވެސް ރާއްޖެ އަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށާއި އަދި އެކަމުގެ މަސައްކަތްތައް ވެސް ބަންގްލަދޭޝްއާ ގުޅިގެން ކުރަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް ބަންގްލަދޭޝްއިން އަންނަ ކޮންމެ މީހެއް ވެސް 14 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް މަބުރޫކު ވިދާޅުވިއެވެ.

މިހާރު ފެތުރެމުންދާ ކޮވިޑް 19 ނުވަތަ ކޮރޯނާވައިރަހާ ގުޅިގެން ބަންގްލަދޭޝް އިން ރާއްޖެ އަންނަ މީހުންނާއި ފާއިތުވި 14 ދުވަސް ތެރޭ އެގައުމަށް ގޮސްފައިވާ މީހުން ރާއްޖެ އެތެރެވުން ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ. އެގޮތުން މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްއިން މީހުން ރާއްޖެއައުން މަނާކޮށްފައި އޮތް ނަމަވެސް ދިިވެހިންނާއި ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ މީހުން އިސްތިސްނާވާނެ ކަމަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ނެރުނު އެއާ ޓްރާންސްޕޯޓް ސާކިއުލާއެއްގައި ބުނެފައިވެއެވެ.

ޓީސީގެ އިތުރުން ރާއްޖޭގެ މާޒިޔާ ސްޕޯޓްސް ކުލަބު ވެސް މިވަގުތު ތިބީ އިންޑިއާގެ ޗެންނާއީގައެވެ. އެކަމަކު އެސަރަހައްދުން މީހުން އައުން އަދި ސަރުކާރުން މަނާކޮށްފައި ނުވާތީ އެ ޓީމުގެ ކުޅުންތެރިން ކަރަންޓީން ކުރުމާ މެދު ގޮތެއް ނުނިންމައެވެ.

ކޮވިޑް-19 ރާއްޖޭގެ ހާލަތަށް ބަލާއިރު، ރާއްޖޭގެ އެކި ރިސޯޓުތަކުންނާއި ރަށްތަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހުން އެކަހެރިކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ޖުމްލަ 8 މީހެކެވެ. އެއީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ދެ މުވައްޒަފަކާއި، އެ ރިސޯޓުގައި ހިންގި ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޓެސްޓު ކުރި ދެމީހަކާއި ސޭންޑީސް ބަތަލާ ރިސޯޓުން ދެމީހެއްގެ އިތުރުން ކުރަމަތި އައިލެންޑް ރިސޯޓުން ދެ މީހެކެވެ.