ސިޔާސީ އެއްވެސް ކަމެއްގައި އިދިކޮޅު ކޯލިޝަނުން ސަރުކާރާ އެކު މަޝްވަރާގައި ބައިވެރިވާނީ މާފުށީ ޖަލުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމުން ކަމަށް އެ ކޯލިޝަނުން ބުނެފިއެވެ.

މިއަދު މުޅި މަޖިލީސް އެއްކޮށް ބޭއްވި ކޮމެޓީގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވީ ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދޭން އެ ކޯލިޝަންގެ ޖޮއިންޓް ކައުންސިލުން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލް އިންތިހާބަކީ ސިޔާސީ މަސައްކަތެއް ކަމަށާއި އިންތިހާބު ފަސްކުރުމަކީ ވެސް ސިޔާސީ ކަމެއް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރަށް އޭނާ ވިދާލުވީ އިންތިހާބު ފަސް ކުރުމާ މެދު މަޝްވަރާއަކަށް ދިއުމަށްޓަކައި ސަރުކާރުން އިދިކޮޅު ކޯލިޝަނަށް މިހާތަނަށް ދައުވަތު ދީފައި ނުވާ ކަމަށް ވިދާޅުވެވެސް އޭނާ ވަނީ ވާހަކަ ދައްކަވާފައެވެ.

އާދަމް ޝަރީފް ގެ އިތުރުން، ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ކޮރޯނާ ވައިރަސްގެ ބަލި ފެތުރުމަކީ އާންމު ސިއްހަތާ ގުޅޭ ކަމަކަށް ވުމުން އެ ކަމާ މެދު އަޅަން ޖެހޭ ފިޔަވަޅެއް ނިންމަން ވާނީ ޕަބްލިކް ހެލްތު އިން ކަމަށެވެ. ސައީދު އިޝާރާތް ކުރެއްވީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީއަށެވެ.

ހަލުވި ކަމާއިއެކު ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖޭން ފެނުމާ ގުޅިގެން އިންތިހާބު ފަސް ކުރުމަށް އާންމުންގެ ތެރެއިން ގިނަ ބަޔަކާއި ބައެއް ސިޔާސީ އިސް ބޭފުޅުން ވެސް ދަނީ އެދެމުންނެވެ. އެގޮތުން އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އިންތިހާބު ފަސް ކުރަން ގޮވާލައްވާފައެވެ.

މިކަމާ ގުޅޭ ގޮތުން މިހާތަނަށް ސަރުކާރުން ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އިދިކޮޅު ސިޔާސީ ޕާޓީތައް ހިމެނޭހެން ހުރިހާ ޕާޓީއަކާ މަޝްވަރާ ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.