އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ފަސް ކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ ބައެއް މެންބަރުން ދެކޮޅު ހައްދަވައިފިއެވެ.

މިއަދުގެ މަޖިލީހުގައި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނަށް، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލް ހަކީމް ވިދާޅުވީ، މިގައުމަށާއި އަދި އެ ނިޒާމަށް އޮތް އެންމެ ރަނގަޅު ގޮތަކީ އިންތިހާބު ބާއްވަން ނިންމާފައިވާ ތާރީހުގައި ބޭއްވުން ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރައްވައި، ކައުންސިލް އިންތިހާބު ބާއްވަން ޖެހޭ ކަން ފާހަގަކުރައްވާ، އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހްމަދުވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭނާ ވިދާޅުވެފައި ވަނީ އިންތިހާބު ފަސް ކޮށްގެން ގައުމަށް ހަމަޖެހުމެއް ވެސް އަދި ކުރިއެރުމެއް ވެސް ނުލިބޭނެ ކަމަށެވެ.

މީގެ އިތުރުން ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވީ މިހާރު ކައުންސިލްތަކުގައި ތިބި އިދިކޮޅު މެމްބަރުން، ސަރުކާރަށް އެއްބާރުލުން ދީ، ސަރުކާރުން ނިންމާ ނިންމުންތައް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށާއި، އެހެންކަމުން އިންތިހާބު ބާއްވައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް މެމްބަރުން އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ މީހުން ހަމަނުވާ ޕާޓީތަކުން ކައުންސިލް އިންތިހާބު ފަސްކުރަން ބޭނުން ވާނެ ކަމަށާއި އެއީ ހަމައެކަނި އެމްޑީޕީން ބޭނުން ވެގެން އުޅޭ ގޮތެއް ނޫން ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ކައިރިވެފައި ވާއިރު، ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނިފައި ވާއިރު ހަ މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ. އެއާ އެކު ބައެއް ޕާޓީތަކުންނާއި އިންތިހާބުގައި ވާދަކުރާ ފަރާތްތަކުން ވަނީ ކެމްޕޭން މަޑުޖައްސާލައިފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އިންތިހާބު ފަސް ކުރުމަށް ވެސް ގޮވާލައިފައެވެ.

ރާއްޖެއިން ކޮވިޑް-19 އަށް 6 މީހަކު މިހާތަނަށް ޕޮޒިޓިވް ވެފައި ވާއިރު ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާ މެދު ސަރުކާރުން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވަނީ ވިދާޅުވެފައެވެ.