ދައުލަތުގެ ސިއްރު މައުލޫމާތުތައް ހާމަކުރާ ކަމަށް ބުނެ "އެމްވީކްރައިސިސް" ގައި ހަރަކާތްތެރިވާ އަހުމަދު އަޝްރަފް (ޝުމްބާގޮންގު) ގެ ފޯނާއި ސިމްކާޑްތައް ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުން ބުނެފައި ވަނީ ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޝުމްބާ ރޭ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ދާ ކަމަށެވެ. އެ މައްސަލައިގައި ފުލުހުން އެދިގެން ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ ޝުމްބާގެ ފޯނާއި ސިމްކާޑުތައް ހިފަހައްޓައި ފޯނުގެ ލޮކް ކޯޑް ދިނުމުގެ އަމުރެއް ނެރުނީ، އެމްވީކްރައިސިސް ނަމަކަށް ކިޔާ ޓެލެގުރާމް ޗެނަލަކުން ދައުލަތުގެ ސިއްރު މައުލޫމާތުތައް ހުއްދަ ނޫން ގޮތުގައި ހާމަކުރާތީ އާއި ދައުލަތުގެ މަސައްކަތަށް ހުރަސް އަޅަމުން ދާތީއެވެ. އެގޮތުން އެތަކެތި 30 ދުވަހަށް ހިފެހެއްޓުމުގެ އަމުރެއް ވަނީ ކޯޓުން ދީފައެވެ.

ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ޝުމްބާ ރޭ ބުނެފައި ވަނީ ކޮރޯނާ ރެސްޕޮންސް ސެންޓަރުން ދަރުބާރު ގޭގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ނިކުތްތަނުން ފުލުހުން ކޯޓު އަމުރެއް ދެއްކުމަށް ފަހު ކާރެއްގައި އޭނާ ފުލުހުންގެ މައި އިދާރާަށް ގެންދިޔަ ކަމަށާއި ކޯޓު އަމުރު ދައްކައި، ފޯނު އަތުލުމަށް ފަހު ދޫކޮށްލީ ކަމަށެވެ.

އިއްޔެ މެންދުރު 1:00 ގައި ނެރެފައިވާ އެ ކޯޓް އަމުރުގައި ބުނެފައިވާ ގޮތުގައި އެ އަމުރު ނެރުމުގެ ހެއްކަކީ އެމްވީކްރައިސިސް އިން ކޮށްފައިވާ ޕޯސްޓާއި އިންޓެލިޖެންސް ރިޕޯޓެވެ. އަދި އެ އަމުރު ނެރެފައި ވަނީ 72 ގަޑިއިރަށެވެ. އެ ގްރޫޕް މެދުވެރިކޮށް ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ ކަމަށް ބުނާ މައްސަލަ ވަނީ ބޮޑުވެފައެވެ. މިހާރު ރާއްޖެއިން ވެސް ފެނިފައިވާ ކޮރޯނާވައިރަސްގެ ކަންތައްތަކުގައިވެސް ހަގީގަތާ ހިލާފު ކަށަވަރު ނުވާ އެތައް ހަބަރެއް އެ ޗެނަލުން ފަތުރާ ކަމަށް ބުނާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިދިޔަ އާދިއްތަ ދުވަހު ދައުލަތުގެ އިދާރާތަކުގައި އެދިފައި ވަނީ ރަޖިސްޓްރީ ނުކޮށް ހިންގާ ހަބަރު ފަތުރާ ވަސީލަތްތައް ހުއްޓުވަން ފިޔަވަޅު އަޅައިދިނުމަށެވެ.