ހަލުވިކަމައި އެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް 19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ތިބި ބަލި މީހުންނަށް މިއަދުން ފެށިގެން ޒިޔާރާތް ކުރާ ގަޑި ހުއްޓާލައިފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މިއަދުން ފެށިގެން އެ ހޮސްޕިޓަލުގެ އައިސީޔޫ އާއި ސީސީޔޫ އަދި އެޗްޑީޔޫގައި އެޑްމިޓްކޮށްފައިވާ ބަލި މީހުންނާއި ހާލުބޮޑު ބަލިމީހުންނަށް ޒިޔާރަތްކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ޕްރައިވެޓް ރޫމާއި ވޯޑް ތަކުގައި އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނަށް ޒިޔާރަތް ކުރުން ލިމިޓްކޮށްފައިވާ ކަމަށައި ބަލިމީހާ ގާތުގައި އެންމެ އެހީތެރިޔަކު މަޑުކުރަން އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި އެޑްމިޓް ކޮށްފައިވާ ބަލިމީހުންނަށް ޒިޔާރަތްކުރުން ވީހާވެސް މަދުކުރުމަށްވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސްކޮށްފައެވެ. އޭޑީކޭއިން ބުނީ މިއީ އެޑްމިޓްކޮށްފައި ތިބި ބަލި މީހުންނާއި އެހީތެރިންނަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށެވެ.

އޭޑީކޭގެ އިތުރުން އައިޖީއެމްއެޗުންވެސް އިއްޔެ ވަނީ އެ ހޮސްޕިޓަލުގައި ބައިތިއްބައިގެން ފަރުވާދޭ މީހުންނަށް ޒިޔާރަތްކުރާ ގަޑި ވަގުތީގޮތުން އުވާލައިފައެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް 19 އަށް ހަތަރު މީހަކު ޕޮޒިޓިވް ވެފައިވާއިރު، އެމީހުންނަށް ދަނީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށް ފަރުވާދެމުނެވެ. އަދި ރާއްޖޭގެ އެލާޓް ލެވެލް ވަނީ ޔެލޯއަށް މަތިކޮށްފައެވެ.