ކޮވިޑް 19 އަށް ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ފަހު އެމިރޭޓްސްގެ މުވައްޒަފެއްގެ ފަރާތުން މި ބަލީގެ އަލާމާތްތައް ފެންނާތީވެ އޭނާ ކަރަންޓީން ކުރަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މިހާރު ދަރުބާރު ގޭގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮރޯނާއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ހާއްސަކޮށްފައިވާ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ އެމިރޭޓްސްގެ މުވައްޒަފުންގެ ތެރެއިން ކޮންޓެކްޓްވެފައި ތިބީ ކޮން މުވައްޒަފެއްތޯ ބަލައި އޭނާ ސެލްފް އައިސޮލޭޓް ކުރެވިފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އެމިރޭޓްސް އެ މުވައްޒަފަކީ ރާއްޖެއިން ދިޔަ ފަހުން ކޮރޯނާއަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާއާ ޔުނިވާސަލްގެ އެމިރޭޓްސްގެ ޓިކެޓިން އޮފީހުން ބައްދަލުވެ އޭނާއާ މުއާމަލާތް ކުރި މުވައްޒަފު ކަމަށެވެ. އަދި އޭނާގެ ކިބައިން ކޮރޯނާގެ އަލާމަތްތައް ފެންނަން ހުރި ކަމަށާއި މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އިޓާލީ މީހާއަށް ނުފުރިގެން އޭނާ މާލެ އައިސް، މާގިރި ހޮޓެލްގައި ދެ ދުވަހު މަޑުކުރި ކަމަށާއި އަދި އޭނާއާ ކޮންޓެކްޓުވި 16 މީހަކު އެކަހެރިކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ޔުނިވާސަލް މުވައްޒަފެއް ބުނީ، މިއަދު އެޗްޕީއޭގެ ފަރާތުން ބަޔަކު އައިސް އެމިރޭޓްއަށް އިޓަލީ ފަތުރުވެރިއާ ޓިކެޓް ނެގުމަށް އައިތޯ ޔަގީންކޮށްފައިވާ ކަމަށެވެ. އެގޮތުން އޭނާ ކޮންޓެކްޓް ވީ މީހުން ބެލުމަށް ސީސީޓީވީ ފޫޓެޖް ބަލާފައިވާ ކަމަށް އޭނާ ބުނެއެވެ. އަދި ޕޮޒިޓިވް ވެފައިވާ އިޓަލީމީހާ ފުރުމުގެ ކުރިން މާލެއަށް އައިސް ޓިކެޓިގެ ތާރީހު ބަދަލު ކުރުމަށް މިމަހު 2 ވަނަ ދުވަހު ޔުނިވާސަލްގެ އެމިރެޓްސް އޮފީހަށް ގޮސްފައިވާ ކަމަށެވެ. އަދި އޭ މީހާއާ ކޮންޓެކްވީ އެމިރެޓްސް ގެ އަންހެން މުވައްޒަފެއް ކަމަށްވެސް މައުޅުމާތު ލިބިފައިވެއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 4 މީހަކު ފެނިފައިވާ އިރު ފުރަތަމަ ފެނިފައިވާ ދެމީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އަނެއް ދެމީހުންނަކީ ސޭންޑީސް ބަތަލާ ރިސޯޓުގައި ތިބި 2 މީހުންނެވެ. ކުރެއްދޫން ދެ މުވައްޒަފުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. ހަމައެއާއެކު ށ. ފޯކައިދޫން ދިވެއްސަކު ވަނީ މި ބައްޔަށް ޝައްކުކުރޭވޭތީ މާލެއަށް ގެނެސް ފަރުކޮޅުފުށީގައި އިތުރަށް މޮނިޓާކޮށް ހަދަންޖެހޭ ޓެސްޓުތައް ހެދުމަށް ކަރަންޓީން ކުރުމަށް މާލެ ގެންނަމުންދާ ކަން ވަނީ މިއަދު ބުނެފައެވެ. މީނާ އަކީވެސް ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ.

ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓުގައި މިވަގުތު ޖުމްލަ 699 ފަތުރުވެރިން ތިބިއިރު، މުވައްޒަފުންގެ ގޮތުގައި ޖުމްލަ 738 މުވައްޒަފުން އެބަ ތިއްބެވެ. އެއީ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ގޮތުގައި 281 މީހުނާއި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 457 މީހުންނެވެ.

ޜާޖެ މިހާރު މި ވަނީ ޔެލޯ އެލާޓަށް މަތިވެފައެވެ. ހަމައެއާއެކު ސޭންޑިން ބަތަލާ ރިސޯޓުންނާއި ކުރެއްދޫ އައިލެންޑް ރިސޯޓުން ޕޮޒިޓިވް ކޭސްތަކެއް ފެނިފައި ވުމުން އެ ދެ ރިސޯޓް ވަނީ އޮރެންޖް ލެވެލްއަށް މަތިކޮށްފައެވެ. މި ސްޓޭޓަސްގައި އެ ދެ ރިސޯޓަށް އަރާ ފޭބުންވެސް ވަނީ ބަންދުކޮށްފައެވެ.