ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފެނިއްޖެއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ފަރުކޮޅުފުއްޓަށް ގެންދަނީ މޮނިޓާކޮށް، ޓެސްޓު ހެދުމަށް ކަމަށް އެފަރާތުން ބުނެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން ބުނީ އެމީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒަފެއް ކަމަށެވެ.

ރާއްޛޭގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ދެމީހަކު ފެނިފައިވާ އިރު އެ ދެމީހުންނަކީ ވެސް ކުރެއްދޫ އައިލެންޑް ރިސޯޓުގެ މުވައްޒަފުންނެވެ. އެ ދެމީހުން ޕޮޒިޓިވްވެފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށްފަހު އިޓަލީއަށް ފުރާއިގެން ދިޔަ ފަތުރުވެރިއެއް ކޮރޯނާއަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. އެހެންކަމުން އެ ރިސޯޓުގެ ސްޓޭޓަސް ލެވެލް އޮރެންޖަށް މަތިކޮށް އެ ރިސޯޓުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

ކޮވިޑް19ގެ ޕޮޒިޓިވް ކޭސް އައުމާ ގުޅިގެން މިހާރު ކަމާބެހޭ ފަރާތްތަކުން ދަނީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް ކުރަމުންނެވެ. ކުރެއްދޫ ރިސޯޓުގައި މިވަގުތު ޖުމްލަ 699 ފަތުރުވެރިން ތިބިއިރު، މުވައްޒަފުންގެ ގޮތުގައި ޖުމްލަ 738 މުވައްޒަފުން އެބަ ތިއްބެވެ. އެއީ ރިސޯޓުގެ ދިވެހި މުވައްޒަފުންގެ ގޮތުގައި 281 މީހުނާއި ބިދޭސީ މަސައްކަތްތެރިންގެ ގޮތުގައި 457 މީހުންނެވެ.