ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހާ ގުޅިގެން ނޫސްތަކުގައި ހަބަރާއި މައުލޫމާތު ފަތުރާއިރު ބިރުވެރިކަން އުފައްދާ، ދޮގު ހަބަރު ފަތުރާނަމަ އެ މީޑިއާއަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީ) ބުނެފިއެވެ.

އެމްއެމްސީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާ ހިލާފު ދޮގު ހަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލުމާތު އާއްމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް އެ ކައުންސިލުން އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބުނެފައި ވަނީ މި ދަނޑިވަޅުގައި ރާއްޖޭގެ މީޑިއާތަކުން ހަބަރާއި މައުލޫމާތު ފެތުރުމުގައި އަމަލުކުރަމުން ދާގޮތް އެ ކައުންސިލުން ބަލަމުންދާނެ ކަމަށާއި މީޑިއާތަކުގައި ޝާއިރުކުރާ ކޮންޓެންޓަކީ ރާއްޖެއަށް މިހާރު ދިމާވެފައިވާ ހާލަތާ އެކަށީގެންވާ ކޮންޓެންޓެއް ކަމުގައި ނުވާނަމަ، އެކޮންޓެންޓަކާ ގުޅޭގޮތުން އެ ކައުންސިލުން އެމީޑިއާއަކާ މުއާމަލާތު ކުރާނެ ކަމަށެވެ.

އަދި އެ ކައުންސިލުން އަންގާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރާ މީޑިއާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅުއަޅާނެ ކަމަށްވެސް މީޑިއާ ކައުންސިލްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭގައި ވެސް ދެ މީހަކު ޕޮޒިޓިވްވެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. ކަމާބެހޭ އިދާރާތަކުން ގެންދަނީ އާންމުންގެ މެދުގައި ހާސްކަން އިތުރުވާ ގޮތަށް، ކަށަވަރު ނުވާ މައުލޫމާތު ނުފެތުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރަމުންނެވެ.