ބޯކޮށް ވާރޭވެހުމާ ގުޅިގެން ހިނގި އެކި ހާދިސާތަކުގައި ޕާކިސްތާނުން މަރުވި މީހުންގެ އަދަދު 20 އަށް އަރާ، އިތުރު އެތައް ބަޔަކު ޒަހަމްވެއްޖެއެވެ.

އޮފިޝަލުން ވިދާޅުވީ ބައެއް މީހުން މަރުވެފައިވަނީ އެމީހުން ދިރިއުޅެމުންދިޔަ ގެތައް ވެއްޓުމުގެ ސަބަބުން ކަމަށެވެ.

މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޕާކިސްތާނަށް ގަދައަށް ވިއްސާރަކުރަމުންދަނީ އަފްގާނިސްތާނާ ހިއްސާކުރާ ސަރަހައްދީ އިމާވީ ހިސާބަށެވެ.

ރިލީފް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރަމުންދާ ތައިމޫރު އަލީ ބުނީ ޚަރިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގައި ގަދަ ވިއްސާރައިގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 14 ކުޑަކުއްޖަކާ 3 އަންހެނަކު މަރުވެފައިވާކަމަށެވެ. އަނެއް 3 މީހުން މަރުވީ ބަލޫޗިސްތާނު ޕްރޮވިންސްއިންކަން ޕާކިސްތާނުގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއިންވަނީ ކަށަވަރުކޮށްދީފައެވެ.

ކަޝްމީރުގެ ޕާކިސްތާނާ ވީ ސަރަހައްދުން 51 ގެއެއް ހަލާކުވެފައިވާއިރު ގަދައަށް ސްނޯފައިބާފައި އޮތުމުގެ ސަބަބުން މަގުތައްވެސް ބެދިފައިވާކަމަށް ޚަބަރު ލިބެއެވެ.

ކުރިއަށް އޮތް ދުވަސްތަކަކީވެސް ޕާކިސްތާނަށް މޫސުން ގޯސްވާނެ ދުވަސްތަކެއް ކަމަށް ޚަބަރު ލިބެއެވެ.

ކޮންމެ އަހަރެއްގެވެސް ބަހާރު މޫސުމާ ދިމާކޮށް ޕާކިސްތާނަށް ކުރާ ވިއްސާރާގައި ގެތަށް ވެއްޓުމުގެ ހާދިސާ ހިނގުމަކީ ޕާކިސްތާނުގައި އާންމު ކަމެކެވެ. މިކަން މިހެން ހިނގަނީ ގެތައް ހަދާފައި ހުންނަ ފެންވަރު ދަށްވުމުގެ ސަބަބުންނެވެ.