ޖުމްހޫރީ ޕާޓީ (ޖޭޕީ) ހަރަކާތްތައް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކާނިވާ ސަރަހައްދުގައި ބާއްވަން ހަޖެއްސި ޖަލްސާއެއް ކެންސަލް ކޮށްފިއެވެ.

ޖޭޕީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ މިމަހުގެ 13 ވާ ހުކުރުދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ކެންސަލް ކޮށްފައިވަނީ ހަލުވިކަމާއި އެކު ފެރުރެމުންދާ ކޮރޯނާގެ ވައިހުގެ ސަބަބުން ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މިދުވަސްވަރު މުޅި ދުނިޔެއަށް ކުރިމަތިވެގެން އުޅޭ ކޮވިޑް 19 ގެ އަސަރު ދިވެހި ރާއްޖެއަށް ޒިޔާރަތްކުރާ ބައެއް ފަތުރުވެރިން އެމިހުންގެ ގައުމަށް އެނބުރި ދިއުމުން ވައިރަސް ފެނިފައިވުމުން އެ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެއަށާއި ދިވެހިންނަށްވެސް ފޯރަފާނެ ކަމުގެ ބިރުވެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމަކީ އެހާ ރައްކާތެރި ކަމެއްގެ ގޮތުގައި ޖޭޕީން ނުދެކެ ކަމަށެވެ.

މިފަދަ ހާލާތްތަކުގައި އެފަދަ އެއްވުމަކުން ލިބިދާނެ ސިޔާސީ ފައިދާއަކަށް ވުރެ ބޮޑަށް ދިވެހިންގެ ދުޅަހެޔޮކަމާއިި ރައްކާތެރިކަމާއި ސަލާމަތަށް އިސްކަން ދިނުމަކީ ކޮންމެ ފަރުދެއްގެ ވެސް އެންމެ އިސް ޒިންމާއަކަށް ހަދަން ޖެހިފައިވާ ކަމަށާއި މި ދަނޑިވަޅުގައި "ދީނާއި ގައުމުގެ ދިފާއުގައި" ބާއްވަން އުޅުނު ޖަލްސާ ވަކި މުއްދަތެއް ނެތި ފަސްކުރެވިފައިވާ ކަމަށް ޖޭޕީން ބުނެއެވެ.

އަދި ގައުމުގެ ހާލަތު މިއަށްވުނެރ ރަނގަޅު ހާލަތަކަށް ބަދަލުވުމުން ޖަލްސާ ބާއްވާނެ ވަކި ތާރީހެއް އިއުލާން ކުރާން ކަމަށްވެސް ޖޭޕީން ބުނެއެވެ.