ކޮރޯނާ ވައިރަހާ ގުޅިގެން އިދިކޮޅު ޕީޕީއެމާއި ޕީއެންސީގެ ކޯލިޝަން ލީޑާޝިޕުން އަތޮޅުތެރޭގެ ރަށްތަކަށް ކުރަމުން ގެންދާ ކެމްޕޭން ދަތުރުތައް މެދުކަނޑާލަން ނިންމައިފިއެވެ.

ޕީޕީއެމުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އާ ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ހުރިހާ ފިޔަވަޅެއް އެޅުމަށާއި ހާމަކަން ބޮޑު ގޮތެއްގައި އެ ބައްޔާ ގުޅޭ މައުލޫމާތާއި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް އެ ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށެވެ.

ކޮވިޑް 19 ގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ އެ ކޯލިޝަންގެ ލީޑާޝިޕްގެ ޓީމުތައް ދަތުރުތައް ކުރުކޮށްލުމަށް ފަހު އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ދަތުރުތައް މެދުކަނޑާލަން ނިންމީ، ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތި ވާނެ ދަތިތަކާއި ގެއްލުން ބޮޑު ވާނެ ކަމަށް އެ ކޯލިޝަނަށް ގަބޫލު ކުރެވޭތީ ކަމަށް ބުނެއެވެ. އަދި ގައުމީ މަސްލަތު އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޓީމުތަކަށް ބެހިގެން އިއްޔެ ވަނީ ރ. އަތޮޅާއި ޅ. އަތޮޅުގައި ކެމްޕޭން ކުރައްވާފައެވެ. މި ގޮތުން ރޭގެ ވަގުތެއްގައި ޅ. ނައިފަރުގައި އެ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ވަނީ ބާއްވާފައެވެ.