ޓްރާންސްޕޯޓު އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ އޯޑިއޯތަކެއް އާންމުވެފައި ވާއިރު، އެއްވެސް މުއައްސަސާއަކުން އެ މައްސަލައާ މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ. އެވާހަކަ އޮއްބާލައި އެއީ ވެ ނިމިފައިވާ ކަމެއްގެ ގޮތުގައި ހެދީބާވައެވެ؟

އެ މައްސަލައިގައި އެކަށީގެންވާ ފިިޔަވަޅެއް އަޅާފައި ނުވާއިރު، އެއްވެސް މުއައްސަސާއެއްގެ ފަރާތުން މިހާތަނަށް ވަނީ ޖަވާބެއް ލިބޭގޮތް ނުވެފައެވެ. ރައީސް އޮފީހުން ޖަވާބެއް ލިބިފައި ނުވާއިރު، ފުލުހުންގެ ފަރާތުންވެސް އެ މައްސަލަ ކުރިއަށް ދާ ގޮތެއް ނުބުންޏެވެ.

އަލީ ވަހީދުގެ މައްސަލަ ބައްލަވައިދެއްވުމަށް ނަހުލާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން އެދިވަޑައިގެންފައި ވާކަން އިތުބާރު ހުރި މަސްދަރަކުން 'ދަ ޕްރެސް' އަށް މައުލޫމާތު ދީފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހެވެ. އޭނާ ބުނެފައިވާ ގޮތުގައި އަލީ ވަހީދުކަމަށް ބުނާ މީހަކު ދައްކާފައި ހުރި ވާހަކަތަކާ ގުޅިގެން ރައީސް ސޯލިހަށް ނަހުލާ ވަނީ މައްސަަލަ ހުށަހަޅުއްވާފައެވެ. ނަހުލާ އެދިވަދައިގެންފައިވަނީ، ލީކް ވެފައިވާ އޯޑިއޯގައި ނަހުލާއާ ގުޅޭ ގޮތުން އަލީ ވާހީދު ކަމަށް ބުނާ ފަރާތުން ވަނީ ބޭއަދަބީ ބަސް ބޭނުން ކޮށްފައި ވާ ކަމަށާއި އަދި އަބުރު ގެއްލޭ ފަދަ ވާހަކަތަކެއް ދައްކާފައި ވުމުން އެ މައްސަލަ އެވެ.

މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދައުރުވަމުންދާ އޯޑިއޯތަކާއި ގުޅިގެން ގޮތް ނިންމަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޖުމުހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ނަހުލާގެ ފިރިކަލުން، ގާސިމް އިބްރާހީމް ވިދާޅުވެފައި ވެއެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ އެ ޕާޓީގެ އިސްތަރުޖަމާން އަލީ ސޯލިހެވެ. އޭނާ ހުށަހެޅުއްވީ އަލީ ވަހީދަކީ ޖުމުހޫރީ ޕާޓީގެ ރައީސް ކަމުގައިވެސް މި ވަގުތު ހުންނެވި ފަރާތް ކަމުން، ލީކު ވެގެން އުޅޭ އޯޑިއޯ ތަކުގެ ސަބަބުން ޕާޓީއަށް ނޭދެވޭ އަސަރުކޮށް ޕާޓީ ބަދުނާމުވަމުން ދާތީ އެކަމާ މެދު ގޮތެއް ނިންމައި ދިނުމަށެވެ. މި މައސަލައިގައި ޖޭޕީގެ ލީޑަރުގެ ބަހުގެ އިތުރުން، ޕާޓީން އަލީވަހީދާއި ނަހުލާއާ މެދު ފިޔަވަޅު އަޅާކަން ނުކެރުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޯޑިއޯތަކުގައި ދައްކާފައި ހުރި ވާހަކަތައް، ރައީސް ސޯލިހުގެ ކެބިނެޓުގެ ވަޒީރުން ތަކަކަށް ނިސްބަތްވާ އިރު، އެކަމުގައި ސީދާ އޭނާގެ މަސްލަހަތު ވެސް ހިމެނޭ ހާލަތެއް އެބަ އޮތް ކަމަށް ގާސިމް ވަނީ އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވާފައެވެ. ގާސިމް އެ ފާހަގަ ކުރެއްވި ނުކުތާއަކީ އޭނާގެ އަނބިކަނބަލުން މިނިސްޓަރު އާއިޝަތު ނަހުލާ ކަމަށް ބުނެ، އެ އޯޑިއޯގައި ވާހަކަ ދައްކާފައިވާތީ ކަމަށް ބެލެވެއެވެ.

އަދި މިދިޔަ މަހުގެ 17 ވަނަ ދުވަހު ފުލުހުން ވަނީ ދައުރުވަމުންދާ އޯޑިއޯތަކުގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭތީ އެކަން އިތުރަށް ބަލަން ފަށައިފައިވާ ކަމަށް ބުނެފައެވެ. "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނެފައި ވަނީ ލީކުވެގެން އުޅޫ އޯޑިއޯތަކާ ގުޅޭގޮތުން ފުލުހުންނަށް އެއްވެސް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށާއި ނަމަވެސް އެ އޯޑިއޯ ތަކުގެ ތެރޭގައި ޖިނާއީ ކުށުގެ އަމަލެއް ހިމެނޭފަދަ އޯޑިއޯއެއް ފާހަގަ ކުރެވިފައިވާތީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން އެ އޯޑިއޯ އާ ގުޅޭ ކަންކަން އިތުރަށް ސާފު ކުރަމުން ދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ހޯދުނުކު ކުރިއެރުމެއް ކުރި ތަހުގީގެއް ފުލުހުން ނުބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކާ ގުޅިގެން އަލީ ވަހީދު ވިދާޅުވެފައި ވަނީ ދައުރު ކުރަމުންދާ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫންކަމަށާއި އެކަން ފުރިހަމަ ތަހުގީގެއް ކުރުމުން އެނގޭނެ ކަމަށެވެ. މިކަން ފާހަގަ ކުރައްވާ އޭނާ ވަނީ އޭނާގެ މައްޗަށް ތަހުގީގެއް ހިންގުމަށްވެސް އެދިވަޑައިގެންފައެވެ. އަލީ ވަހީދު ވިދާޅުވީ، ތަހުގީގެއް ހިންގުމުން ހަގީގަތް ސާފުވެގެން ދާނެ ކަމަށެވެ.

އަލީ ވަހީދު ކަމަށް ބުނާ މީހެއްގެ ޖުމްލަ 5 އޯޑިއޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އޭގެ ތެރޭގައި ފުރަތަމަ ލީކުވީ، ހެލްތް މިނިސްޓަރު އަބްދުﷲ އަމީނަށް ފާޑުކިއުން އަމާޒުކޮށް، އަމީނަށް ނިސްބަތް ކުރައްވާ ހަޑިހުތުރުބަހުން ވާހަކަ ދައްކަވާ އޯޑިއޯއެެވެ. ދެވަނައަށް، އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އަދި އެޑިއުކޭޝަނުގެ ޕޮލިސީ ފެއިލް ކޮށްލައްވާނެ ކަމަށް ވިދާޅުވެ، އެޑިއުކޭޝަނުގެ ގަވައިދަށް ނިސްބަތްކުރައްވައި ހަޑި ހުތުރު ބަހުން ވާހަކަ ދައްކަވާ އޯޑިއޯއެއް ލީކުވިއިރު، ތިން ވަނަ އަށް ލީކުވެފައި ވަނީ، ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ ބޭއަދަބީ ބަހުރުވައިން، ޖިންސީ ފުރައްސާރަ ކުރާ އޯޑިއޯއެކެވެ.

ހަތަރު ވަނައަށް ލީކުވީ، ސުޕްރީމް ކޯޓުގެ ކާރުތަކުގެ ޑިއުޓީން ކޮރަޕްޝަން ހިނގާނެ ކަމަށާއި، އެ ކަމުގައި 8 ލައްކަ ރުފިޔާގެ ކަޓެއްގެ ވާހަކަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑުބަރޭ) ދައްކާ އޯޑިއޯ އެކެވެ. އަދި އެއަށްފަހު، ޕާޓީ ކުރުމާއި، ނާސިގެތަކަށް ދިއުން ފަދަ، އިސްލާމް ދީނާ ބީރައްޓެހި އަމަލުތަކަށް އަރައިގަތުމުގެ ވާހަކަތަކެއް ދައްކާ އޯޑިއޯއެއް ވެސް ވަނީ ލީކުވެފައެވެ.

އަލީ ވަހީދާއި ނަހުލާގެ އޯޑިއޭތައް ލީކުވެ، އެ އޯޑިއޯތަކުގައި ދައުލަތުގެ ބައެއް ވަޒީރުންނާ މެދު ބޭއަދަބީ އަދހި އިހުތިރާމް ކުޑަކޮށް އަލީ ވަހީދު ވާހަކަ ދައްކަވާފައި ވާއިރު، ކެބިނެޓުގައި ބައެއް ވަޒީރުން އަލީ ވަހީދާ ވާހަކަ ނުދައްކަވާކަމަށްވެސް ވެއެވެ. އަދި އަލީ ވަހީދު އިންނަވާ ކެބިނެޓު ގުރޫޕުގައިވެސް އޭނާއާ މުއާމަލާތެއް ނުކުރާ ކަމަށް ވެއެވެ.

ގައުމުގެ އެންމެ މަތީ ގުނަވަން ކަމުގައިވާ، ކެބިނެޓުގެ ތެރޭގައި އަލީ ވަހީދުގެ އޯޑިއޯގެ ނުތަނަވަސްކަން އޮތް އިރު، އޭނާ މަގާމުން ވަކިކުރަން ރައީސް ކެރިވަޑައިނުގަތުމުން ނުތަނަވަސްކަން އިތުރަށް ބޮޑުވެގެން ދާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.