މިވަގުތު ބިދޭސީންނަށް މިނިމަމް ވޭޖް ދޭން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައްޔަޒް މިހެން ވިދާޅުވީ، މިނިމަމް ވޭޖާއި ގުޅިގެން އާންމުންގެ ހިޔަލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމުގައި އާންމުންގެ ފަރާތަކުން ކުރި ސުވާލަކާއި ގުޅިގެންނެވެ.
މިނިސްޓަރު ފައްޔާޒާއި ސުވާލު ކުރި ފަރާތުން ވަނީ، މިނިމަމް ވޭޖް ބޮޑު ކުރީމައި ރެމިޓެންސްގެ ގޮތުގައި މިހާރުވެސް 270 މިލިއަން ރުފިޔާ ދާއިރު، މިއަދަދު ބޮޑު ވެގެން ދާނެ ކަން ފާހަގަކޮށް، އޭނާ ވަނީ ރާއްޖޭގެ ރިސޯޓްތަކުން އެތައް މިލިއަން ޑޮލަރެއް މިހާރުވެސް ބޭރަށްދާ ކަމަށް ބުނެފައެވެ. އަދި މިކަމުގައި އިސްކަން ދޭން ޖެހެނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ވޭރުކުރާ 270 މިލިއަން ރުފިޔާއާތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.
ޖަވާބުގައި މިނިސްޓަރު ފައްޔާޒް ވިދާޅުވީ، ރިސޯޓްތަކުން ބޭރުވާ ލާރި ބޭރު މީހުންގެ އިންވެސްޓްމަންޓްތަކަށް ވެސް ހުޅުވާލާ ކަމަށެވެ. ފައްޔާޒް ވިދާޅުވީ، އެއީ ރާއްޖޭގައި ރިސޯޓްތައް ހަދާ، އިންވެސްޓްކުރާނެ ފައިސާ ނެތީމަ، ބޭރުމީހުން އިންވެސްޓް ކުރާ ކަމަށްވާނަމަ އެމީހުންގެ ފައިދާއަށް އެއްޗެހި ގެންދާނެ ކަމަށެވެ. ނަމަވެސް ބޭރުމީހުން އައިސް ރިސޯޓްތައް އެޅުމުން އޭގެ ފައިދާ ރާއްޖޭގެ އިގްތިސޯދަށް ވެސް ކުރާ ކަމަށް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ، މިވަގުތު ރާއްޖޭގެ އިގްތިސޯދުގެ ހާލަތަށް ބަލާފައި ބޭރުމީހުންނަށް މިނިމަމް ވޭޖް ކަނޑައާޅަން ނުފެންނަ ކަމަށެވެ. އަދި އެއީ، ހިއުމަން ރައިޓްސް އޭންގަލަކުން ބަލާނަމަ، އެންމެ ރަނގަޅު ގޮތް ކަމަށް ނުވިޔަސް، އެކަމުގައި އިގްތިސޯދުގެ ހާލަތަށް ވެސް ބަލަން ޖެހޭ ކަމާސް މިނިސްޓަރު ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ރާއްޖޭގައި 2 ލައްކައަށް ވުރެ ގިނަ ބިދޭސީން ވަޒީފާ އަދާކުރަމުންދާ ކަމަށެވެ. އަދި ހިސާބުތަކުން ދައްކާގޮތުގައި ވަޒީފާ އަދާ ނުކުރާ ދިވެހިންގެ ތެރެއިން އެކްޓިވްކޮށް، ވަޒީފާ ހޯދުމަށް އުޅޭ 15،000 އާއި 20000 އާ ދެމެދުގެ ދިވެހިން އެބަ ތިބި ކަމަށާއި، މީގެ އިތުރުން ބޭނުންވާ މުސާރައެއްގައި ރަނގަޅު ވަޒީފާއެއް ލިބިއްޖެއްޔާ ދާނެ 30000 އެއްހާ ދިވެހިން އެބަތިބި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި ތިބި 2 ލައްކަ ބިދޭސީން ފޮނުވާލާފައި ވަޒީފާ އަދާކުރަން ބޭނުންވާ 50000 އެއްހާ ދިވެހިންނަށް ވަޒީފާ ދިނަކަސް ރާއްޖޭގެ އިގްތިސޯދު ކުރިއަށް ނުދާ ކަމަށެވެ.
މިނިސްޓަރު ފައްޔާޒް ވަނީ މިނިމަމް ވޭޖު، އިންސާނީ ހައްގެއްގެ ގޮތުގައި އެއްވަރު ކުރުން ފިޔަވައި، ބިދޭސީންނަސް މިނިމަމް ވޭޖު ކަނޑައަޅައިގެން ކުރާނެ ފައިދާއެއް ނެތް ކަން ފާހަގަ ކުރައްވާފައެވެ. ފައްޔާޒް ވިދާޅުވީ، މިވަގުތު ބިދޭސީންނަށް މިނިމަމް ވޭޖު ކަނޑައެޅޭހާ ވަރު ރާއްޖޭގެ އިގްތިސޯދުގައި ނެތް ކަމަށެވެ.