ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19 ނުވަތަ ކޮރޯނާ ވައިރަސް އާ ގުޅޭގޮތުން، އެއްވެސް ކަމެއް ފޮރުވައި ދިވެހި ސަރުކާރުން ދޮގު ނުހަދާނެ ކަމުގެ ޔަގީންކަން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން އީވާ ވިދާޅުވީ ރާއްޖޭގައި މީހަކަށް ކޮވިޑް19 ޖެހިގެން އުޅޭ ކަމަށާއި ސަރުކާރުން އެކަން ފޮރުވައި ދޮގު ހަދަނީކަމަށް ބުނެ ބައެއް ފަރާތްތަކުން ފާއިތުވި ދެ ދުވަހު އީވާއަށްވެސް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ނަމަވެސް ރައްޔިތުންނާ ސަރުކާރުގެ ކަންބޮޑުވުން އޮތް މިފަދަ ސީރިއަސް ކަމެއްގައި ދޮގު ހަދައިގެން ސަލާމަތްވެވޭނެ ކަމަށް ސަރުކާރުން ގަބޫލުނުކުރާނެ ކަމަށެވެ.
މީގެ އިތުރުން އީވާ ވިދާޅުވީ ސަރުކާރުން ކޮވިޑް 19އާ ގުޅިގެން އަޅަމުން ގެންދާ ފިޔަވަޅުތައް އެއްވެސް ސިއްރުކަމެއް ނެތި ފުރިހަމައަށް ހާމަކުރަމުންދާ ކަމަށެވެ. އެގޮތުން މިއަދާ ހަމައަށް ވެސް ކަރަންޓީން ކުރާ މީހުންގެ ފުރިހަމަ މައުލޫމަތާއި، ބައްޔަށް ޓެސްޓު ކުރެވެން ފެށި ހިސާބުން ޓެސްޓުކުރި މީހުންގެ ނަތީޖާވެސް ފުރިހަމައަށް ދުވަހުން ދުވަހަށް ހާމަކުރަމުންދާ ކަމަށްވެސް އީވާ ވަނީ ވިދާޅުވެފައެވެ.
އީވާ ވިދާޅުވީ މިކަމުގައި ސަރުކާރުން ދޮގު ހަދައިގެން ކަންކަން ސިއްރުކުރާ ކަމަށް ހީވަނީ، ކުރީ ސަރުކާރުން އެގޮތަށް ކަންކަން ކޮށްފައި އޮތުމުން، ރައްޔިތުންގެ ހިތްތަކުގައި އުފެދިފައިވާ ބިރުވެރިކަމެއްގެ ސަބަބުން ކަމަށެވެ. އީވާ ވިދާޅުވީ މި ބަލި ޖެހޭ ކޮންމެ މީހަކު ސީރިއަސް ނުވާކަމަށާއި، ބަލި ޖެހޭ ކޮންމެ މީހަކު މަރު ނުވާކަމަށެވެ. ސާފުތާހިރުކަން އިތުރުކޮށް، ތެދު މައުލޫމާތު ހޯދައިގެން ކަންކަން ކުރާނަމަ ބަލިން ރައްކާތެރިވުމުގެ ފުރުސަތު ބޮޑުކަމަށް އީވާ ވިދާޅުވިއެވެ.
ހަލުވި ކަމާއެކު ފެތުރޭ ކޮރޯނާ ވައިރަސް އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކީ ޗައިނާއަށް ވީ އިރު މިހާތަނަށް 3202 މީހުން މި ބަލީގައި ވަނީ މަރުވެފައި ވެއެވެ. ކޮރޯނާ ވައިރަސް ފެތުރެމުން ދިއުމާ ގުޅިގެން ދިވެހި ސަރުކާރުން ވަނީ ރާއްޖެއާއި ޗައިނާއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް ހުއްޓާލާފައެވެ. ނަމަވެސް، ޓްރާންސިޓް ފްލައިޓުގައި އަދިވެސް ޗައިނާ ފަތުރުވެރިން ރާއްޖެ އާދެއެވެ.