އަންނަ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގދ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް މިއަދު ދަތުރު ފައްޓަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.

ރަށްވެހި ފަތިހުގެ ކެންޕޭނުގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ސްޕޯކްސްޕާސަން އަފްޝަން ލަތީފު ވިދާޅުވީ އެދަތުރުގައި އެމްޑީޕީގެ ޓިކެޓްގައި ގދ އަތޮޅުގެ ގޮނޑިތަކަށް ވާދަކުރާ ހުރިހާ ކެނޑިޑޭޓުންނާ ބައްދަލު ކުރައްވާނެކަމަށެވެ. އަދި އެމްޑީޕީ ހަރުގެ ހަރަކާތްތަކާއި، ޖަލްސާތައް މާޗް ހަޔަކާއި ހަމައަށް ކުރިއަށްދާނެ ކަމަކަމަށެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ޕްރޮގްރާމެއް ހިންގުމަށް މަޖިލީހުން ނިންމާފައިވާކަން ފާހަގަ ކުރައްވަމުން، އަފްޝަން ވިދާޅުވީ އާންމުންގެ ހިޔާލަށް ފުރަތަމަ ހުޅުވާލާ ބިލަކަށް މިނިމަމް ވޭޖް (އެންމެ ކުޑަ އުޖޫރަ) ކަނޑައެޅުމުގެ ބިލް ވެގެންދާނެ ކަމަށެވެ. އަދި މިބިލާ މެދު މަޝްވަރާކުރުން މިރޭ 8:15 ގައި މަޖިލީހުން ކަނޑައަޅާ މާލަމެއްގައި ކުރިއަށްދާނެ ކަމަށާއި، މިއީ އާއްމުންނާއި ގުޅިލާމެހިފައި އޮތްކަމެއް ކަމަށް ވެފައި ސޯޝަލް މީޑިއާގައިވެސް ވާހަކަ ދެކެވޭ މައްސަލައަކަށް ވުމާއެކު، ވީހާވެސް ގިނަ މީހުން ހިޔާލު ހުށަހަޅާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އަފްޝަން ވިދާޅުވިއެވެ.

މީގެއިތުރުން އަންނަ ހުކުރު ދުވަހު މުޅި މާލެގައިވެސް ދޮރުންދޮރަށް ހިނގުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ދާނެ ކަމަށާއި، މާލޭގެ ދޮރުންދޮރަށް ހިނގުމުގެ ހަރަކާތުގައި މާޗް 7 ވާ ހޮނިހިރު ދުވަހު އޮންނަ ރަށްވެހި ފަތިސް ފެސްޓިވަލަށް މާލެ އަންނަ އެމްޑީޕީގެ ހަރަކާތްތެރިންވެސް ބައިވެރިވާނެކަމަށް އަފްޝަން ވިދާޅުވިއެވެ.