ސެކިއުލަރިޒަމާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ނުދިނުމުން ޝައްކު އުފެދޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި ސެކިއުލަރިޒަމް ފަތުރާކަމުގެ ތުހުމަތަކީ ޓެރަރިޒަމަށް މަގުފަހިވެދާނެ ނުރައްކާތެރި ތުހުމަތުތަކެއް ކަމަށެވެ. އަދި މިކަންކަން ސީރިއަސްކޮށް ތަހުގީގުކޮށް، އިތުރަށް ޝައްކު ނުއުފައްދާ، މަޖިލީހުގައި ވެސް ބަހުސް ކުރަން ފުރުސަތު ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސެކިއުލަރިޒަމާ ބެހޭގޮތުން މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ނުދިނުމުން، އެކަމާ މެދު ޝައްކު އުފެދޭ ކަމަށެވެ. އޭނާ މިހެން ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބޭރުގެ ޖަމިއްޔާއަކުން ކުރިޔަށް ގެންދާ ވޯކްޝޮޕްތަކާ ގުޅޭ ކުއްލި މައްސަލައެއް އިއްޔެ މަޖިލީހަށް ހުށަހެޅުމުން އެ މައްސަލަ އެޖެންޑާ ނުކުރުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމެވުމާ ގުޅިގެންނެވެ.

ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަން ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުއެވެ. ނަމަވެސް، މައްސަލަ ހުށަހެޅުމަށް ރިޔާސަތުން ފުރުސަތު އެރުވުމުގެ ކުރިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ ނުކުތާއެއް ނަންގަވާ އެ މައްސަލަ މަޖިލީހަށް ހުށަނޭޅޭނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ މައްސަލައަކީ މަޖިލީހުގެ ގަވާއިދުގެ ދަށުންވެސް ހުށަހެޅޭނެ މައްސަލައެއް ނޫން ކަމަށެވެ. އަލީ އާޒިމްގެ ވާހަކަތަކަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ތާއިދު ކުރެއްވިއެވެ.

އާޒިމްގެ ވާހަކާގައި ވެސް އަދި އަނދުން ހުސައިންގެ ވާހަކާގައި ވެސް ހުށަހެޅިގެން އުޅެނީ ކޮން މައްސަލައެއް ކަމެއް ވިދާޅެއް ނުވެއެވެ. އެ ދެ ބޭފުޅުން ވާހަކަދެއްކެވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މުހައްމަދު ނަޝީދު ވިދާޅުވީ އެކަމުގައި މެންބަރަކު އިއުތިރާޒު ކުރުމުން މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ގާނޫނީ ލަފައެއް އެކަމަށް ހޯއްދަވަން ޖެހޭ ކަމަށެވެ.

ނަޝީދު އެފަދައިން ވިދާޅުވުމުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ނިޒާމީ ނުކުތާއެއް ނެންގެވިއެވެ. އަދި އެ މައްސަލައަކީ ބަލައިގަންނަން ޖެހޭ މައްސަލައެއް ކަމަށް ވިދާޅުވިއެވެ. ހުށަހެޅިފައި ވަނީ ކޮން މައްސަލައެއްކަން ވިދާޅުވެ، ޝިޔާމް ވިދާޅުވީ އެ މައްސަލައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލާދީނީ ފިކުރު ފަތުރަން ބަޔަކު ވޯކްޝޮޕްތަކެއް ބާއްވައި އެ ކަމަށް މަސައްކަތް ކުރުމުން ސަރުކާރުން މިހާތަނަށް އެއްވެސް ފިޔަވަޅެއް އެކަމަށް އަޅާފައި ނުވާތީ ހުށަހަޅާފައި ކުއްލި މައްސަލައެއް ކަމަށެވެ.

ޝިޔާމްގެ ވާހަކައަށް ފަހުގައި ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކައުންސިލާ ޖެނެރަލްގެ ލަފާ އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ ކަމަށާއި، އަދި އެމަނިކުފާނަށް ލަފާ ދެއްވީ އެ މައްސަލަ އެޖެންޑާ ކުރެވެން ނެތް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ވޯކްޝޮޕްތައް ބާއްވަމުން ގެންދަނީ އިނގިރޭސިވިލާތުގެ ޖަމްއިއްޔާއެއް ކަމަށްވާ ކުއިލިއަމް ކިޔާ ޖަމްއިއްޔާއަކުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ޖަމްއިއްޔާއިން ދީނާ ހިލާފު ވާހަކަތައް ދައްކަމުން ގެންދާ ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން ވެސް އަންނަނީ އެ މައްސަލަ ބަލަމުންނެވެ.