މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ނައިބްރައީސް އަހުމަދު އަދީބުގެ ނުބައި ނުލަފާ ކަމުގެ ވާހަކަ، ވަރަށް ގިނައިރު ދެއްކެވި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އިމްރާން ވިދާޅުވީ 20 ވަރަކަށް މިނެޓު ވާންދެން ޔާމީނު އަދީބުގެ ވާހަކަ ދެއްކެވި ކަމަށާއި ޔާމީނާ ބައްދަލު ކުރެވުމުން ވަރަށް ހިތްހަމަ ޖެހިވަޑައިގެންނެވި ކަމަށެވެ.

ރައީސް ޔާމީގެ ހުރިހާ ވާހަކަތަކެއްވެސް ވަރަށް ކެއްތެރިކަމާ އެކު އަޑުއެއްސެވި ކަމަށާއި، ޔާމީނުގެ ވާހަކަ ނިމުން، އަދީބަކީ "ވަރަށް ގޯސް މީހެއް" ކަމަށް ޔާމީންގެ ސަރުކާރުގައިވެސް ޔާމީނަށް ދެންނެވިން ނޫންތޯ ވިދާޅު އެކަން ހަނދާންކޮށްދެއްވި ކަމަށް އިމްރާން ވިދާޅުއެވެ. އަދި އޭރު ރައީސް ޔާމީން އެކަމަށް އިޖާބަ ނުދެއްވުމުގެ ނަތީޖާއަކަށް ވެފައި ވަނީ މިއަދުގެ ހާލަތު ކަމަށް އިމްރާން ވިދާޅުވި ކަމަށެވެ. އަދި އެކަން ރައީސް ޔާމީނަށް ވިސްނިވަޑައިގަންނަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ރައީސް ޔާމީނާ ބައްދަލު ކުރައްވަން ވަޑައިގަތީވެސް އެކަން ކަށަވަރު ކުރައްވަން ކަމަށެވެ.

އަޅުގަނޑުވެސް ވަރަށް އިންޓްރެސްޓް ވި ދެވުނީމަ ރައީސް ޔާމީނާ ބައްދަލުކުރަން. ވަރަށް ގިނައިރު ވަންދެން އިނގޭތޯ ދެއްކެވި، ގާތްގަނޑަކަށް 15- 20 އަކަށް މިނެޓަށްއަދީބުގެ ނުބައިކަމާއި ނުލަފާ ކަމާއި އަނިޔާވެރިކަމާއި އޭނާ ހިންގެވި ޖަރީމާ ތަކުގެ ވާހަކަ
އިމްރާން

މިނިސްޓަރު އިމްރާން ރައީސް ޔާމީނާ ޖަލުގައި ބައްދަލުކުރައްވާފައި ވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހެވެ. އިމްރާން ވިދާޅުވީ، އޭނާ ރައީސް ޔާމީނާ ބައްދަލު ކުރެއްވީ ޑީލެއް ހައްދަވަން ނޫން ކަމަށާއި، އަދި ޑީލެއް ހެދުމުގެ ވާހަކަ ބަޔަކު ދައްކަނީ އެހެން ބޭނުމެއްގައި ކަމަށެވެ. ޔާމީނާއެކު ޑީލެއް ނަހައްދަވާނެ ކަން ހާމަ ކުރައްވަން އިމްރާން ވިދާޅުވީ، އިމްރާނަކީ ރައީސް ޔާމީނުގެ ވެރިކަމުގައި އެތައް ދުވަހެއް ވާންދެއް ބަންދުކޮށްފައި ބެހެއްޓި ބޭފުޅެއްކަމަށާއި އެކަން ހިނގާ ދިޔަގޮތް ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި ނޯންނާނެ ކަމަށެވެ.

އިމްރާން ވަނީ ރައީސް ޔާމީންއާ ބައްދަލުކުރައްވައި އެ މަނިކުފާނުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާއެވެ.