މިނިމަމް ވޭޖާއި ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދަން މަޖިލީހުގައި ބައްދަލުވުމެއް ބާއްވަން ހަމަޖައްސައިފިއެވެ.

މަޖިލީހުގެ މީޑިއާ ޑިރެކްޓާ ހަސަން ޒިޔާއު ވިދާޅުވީ މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން ބާއްވާ އާންމުންގެ ބައްދަލުވުންތަކުގެ ފުރަތަމަ ބައްދަލުވުން އަންނަ ބުދަ ދުވަހު ބާއްވާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރާނީ މިނިމަމްވޭޖް ކަނޑައެޅުމާއި ގުޅޫގޮތުން ކަމަށާއި ބައްދަލުވުން އޮންނާނީ ބުދަ ދުވަހުގެ ރޭ 8:15 އިން އެރޭގެ 10:30 ހަށް ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

އަދި އެ ބައްދަލުވުން އޮންނާނީ މަޖިލީހުގެ އާ އިމާރާތުގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ.

ބައްދަލުވުންބާއްވާން ހަމަޖެހިފައިވާއިރު، މަޖިލީހަށް ހުށަހަޅާ ބިލުތަކަށް އާންމުންގެ ހިޔާލު ހޯދަން އާންމުންގެ ބައްދަލުވުންތައް މަޖިލީހުގައި ބޭއްވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީވެސް މިއަދުގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ނަޝީދު ވިދާޅުވެފައި ވަނީ އެ ބައްދަލުވުން ކުރިއަށް ގެންދާނީ މަޖިލީހުގެ އާ އިމާރާތުގެ ހޯލެއްގައި ޕްރެޒެންޓޭޝަނެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގައި ބިލު ހުށަހަޅުއްވާ މެމްބަރާއި، ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލެއް ނަމަ ސަރުކާރު ހިންގާ ޕާޓީގެ ޕީޖީ ލީޑަރާއި، ސަރުކާރުގެ ފަރާތުން އެ ބިލާ ބެހޭގޮތުން އިތުރު މައުލޫމާތު ދެވޭނެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދަ ބައްދަލުވުންތައް ބާއްވާނީ ރޭގަނޑުގެ ވަގުތެއްގައި ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިހާރު ބިލުތަކަށް ހިޔާލު ހޯދަން ހުޅުވާލަނީ އިބްތިދާއީ ބަހުސް ނިމި، ބިލު ކޮމިޓީއަށް ފޮނުވުމުން ކޮމިޓީއިންނެވެ. އަދި ހިޔާލު ހުށަހަޅަން ޖެހެނީ ލިޔުމުންނެވެ.