ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން "ބެޔަސް ނުބެޔަސް" މަސްވެރިންނަށް ދޭން ބުނި 10،000 ރުފިޔާއިން ފައިސާ ދީފައިވަނީ އެންމެ ދޯންޏަކަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މިނިސްޓަރު ޒަހާއާ ކުރައްވަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން މަޖިލިސް ޖަލްސާއަށް ވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ޒަހާ ވިދާޅުވީ ބެޔަސް ނުބެޔަސްގެ ފައިސާ ދެވިފައި ވަނީ އެންމެ އުޅަނދަކަށް ކަމަށެވެ. އަދި ވިދާޅުވީ އެ ސިޔާސަތަކީ މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެހެންކަމުން އެ ސިޔާސަތަށް މި ސަރުކާރުން އަމަލު ކުރަމުން ނުގެންދާ ކަމަށެވެ.

"އެއީ މި ސަރުކާރުގެ ސިޔާސަތަކަށް ނުވާތީ އެ މަސައްކަތެއް މި ސަރުކާރުން ތަންފީޒެއް ނުކުރަން،" ޒަހާ ވިދާޅުވިއެވެ.

މިނިސްޓަރު ޒަހާގެ މި ޖަވާބާއެކު މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ އެއީ ކޮން ގެއެއްގެ ދޯންޏެއްތޯ ހިތަށް އަރާ ވަޑައިގަންނަވާ ކަމަށް ވިދާޅުވެފައެވެ. އެއަށްފަހު ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވެސް އެ ދޯނީގެ މައުލޫމާތު ހޯދަން މިނިސްޓަރު ޒަހާއާ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވާ މިނިސްޓަރު ޒަހާ ވިދާޅުވީ އޭނާ މަޖިލީހަށް މިއަދު ވަޑައިގަތީ އެ މައުލޫމާތު ހިފައިގެން ނޫން ކަމަށެވެ. ނަމަވެސް އެ ދޯންޏަކީ ށ. އަތޮޅަށް ނިސްބަތްވާ ދޯންޏެއް ކަމަށްވެސް ޒަހާ ވިދާޅުވިއެވެ.

ބެޔަސް ނުބެޔަސް އަކީ، މަސްވެރިކަން ދަށް މޫސުމުގައި ނުވަތަ މޫސުން ގޯސްވެގެން މަހަށް ނުދެވޭ ދުވަސްވަރު، މަސްވެރިންނަށް އާމްދަނީގެ ގޮތުގައި ފައިސާ ލިބޭނެ ސްކީމެކެވެ.